ނެދަރލެންޑްސްގައި ދިރިއުޅޭ ޕާކިސްތާނު މީހަކު މަރާލުމަށް ރޭވިކަމުގެ ތުހުމަތުގައި އިނގިރޭސިވިލާތުގައި ޕާކިސްތާން ދަރިކޮޅުގެ މީހަކަށް ދައުވާ އުފުލައިފިއެވެ. މި މީހާގެ މައްސަލަ ތހުގީގުކޮށްފައި ވަނީ ސްކޮޓްލެންޑް ޔާޑާއި ނެދަރލެންޑްސްގެ އިދާރާއިންނެވެ. މީސްމީޑިއާގައި ހަރަކާތްތެރިވެ އުޅޭ އަޙުމަދު ވަގާރު ގޯރާޔާ މަރާލުމަށް ރޭވިކަމަށް ތުހުމަތުކޮށްފައި ވަނީ މުޙައްމަދު ގާހިރު ޚާންގެ މައްޗަށެވެ. ސްކޮޓްލެންޑް ޔާޑުން ބުނެފައިވާ ގޮތުގައި ގާހިރު ޚާން މިހާރު ބަހައްޓާފައި ވަނީ ހައި ސެކިއުރިޓީ ޖަލެއްގައެވެ.

އޭނާއާއެކު އިތުރު އެހެން ބަޔަކު ބައިވެރިވާ ކަމަށްވެސް ތުހުމަތުކޮށްފައި ވެއެވެ. ނަމަވެސް މިމީހުންގެ ތަފްސީލެއް ނޭނގޭކަމަށް ބުނެފައި ވެއެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ޓެރަރިޒަމްގެ މައްސަލައެއްގައެވެ.

ފުލުހުން ބުނެފައި ވަނީ ގޯރާޔާ މަރާލުމަށް ރާވައިގެން ފެބްރުއަރީ މަހު ލަންޑަނުން އެމްސްޓެޑަމަށް ގާހިރު ޚާން ދިއުމުން ފުލުހުން ވަނީ ގޯރާޔާއާއި އޭނާގެ އާއިލާ އެމީހުން ދިރިއުޅޭ ގެއިން ނެރެގެން އެހެން ހިސާބަކަށް ގެންގޮސްފައެވެ. އަދި ގާހިރު އެމްސްޓެޑަމްގައި ކާރެއް ކުއްޔަށް ހިފައިގެން ދެ ދުވަސްވަންދެން ދުއްވައި ގޯރާޔާ ފެނޭތޯ ބަލައި ހެދިކަމަށް ވެއެވެ.