އިންޑިއާ ސަރުކާރުން ފަށާފައިވާ އިގްތިސާދީ އިސްލާޙުތަކުގެ ސަބަބުން އިންޑިއާގެ އިގްތިސާދަށް ދިރުމެއް އަންނާނެ ކަމަށް ސަރުކާރުގެ އިގްތިސާދާ ބެހޭ މުޝީރު ހާމަކުރައްވައެވެ. 2023ގެ މާލީ އަހަރަށް ލަފާ ކޮށްފައި ވަނީ 6.5 އިންސައްތަ ނުވަތަ 7 އިންސައްތައިގެ ދިރުމެއް އިގްތިސާދަށް އަންނާނެ ކަމަށެވެ. އަދި ދެވަނަ ކޮވިޑްގެ ރާޅާއެކު އިންޑިއާގެ އިގްތިސާދަށް ފޯރި ހީނަރުކަން މަޑުމަޑުން ފިލައިގެން ދާނެކަމަށް ބެލެވެއެވެ.

21/2020ގެ މާލީ އަހަރުގައި އިންޑިއާގެ އިގްތިސާދު އޮތީ ވަޅު ޖެހިފައެވެ. މުޅި އިގްތިސާދު 7.3 އިންސައްތައަށް ކުޑަވެގެން ދިޔައެވެ.

ސަރުކާރުން ލަފާ ކުރާ ގޮތުގައި ވެކްސިން ދިނުމާއި އަދި އިތުރު އިގްތިސާދީ އިސްލާޙުތައް ތައާރަފް ކޮށްފައި ވުމާއެކު، 2023ގެ މާލީ އަހަރު ގާތްގަނޑަކަށް 7 އިންސައްތައަށް އިންޑިއާގެ އިގްތިސާދު ތަރައްގީ ވާނެއެވެ.

ސަރުކާރުގެ ޗީފް އިކޮނޮމިކް އެޑްވައިޒަރ ކްރިޝްނާމުރުތީ ސުބްރަމާނިއަން ވިދާޅުވާ ގޮތުގައި އިންޑިއާގެ ބާޒާރު ބޭރުގެ އިންވެސްޓްމެންޓަށް ހުޅުވާލައި ބޭރު މީހުން ވިޔަފާރި ކުރުމަށް ހުރި ހުރަސްތަކަށް ލުއިތަކެއް ދިނުމުގެ ސަބަބުން އިންޑިއާގެ މިހާރުގެ ފިޔަވަޅުތައް ވެގެންދާނީ 1991ގައި ކުރީގެ ބޮޑު ވަޒީރު މަންމޯހަން ސިންގ ގެ ވެރިކަމުގައި އިގްތިސާދު އިސްލާޙު ކުރުމަށް އެޅިފިޔަވަޅުތަކާ އެއްވަރުގެ ހަރުދަނާ ފިޔަވަޅުތަކެއް ކަމަށެވެ.

އިންޑިއާގެ ގައުމީ އުފެއްދުންތެރިކަން ނިމިގެން ދިޔަ ހަތަރު މަހުގައި އޮތީ ނައްސިކޮށެވެ.

އިންޑިއާގެ އިގްތިސާދު އިތުރަށް ހުޅުވާލުމަށް މަޑުމަޑުން އިސްލާޙުތައް ގެންނަމުންދާތާ މިހާރު ދޮޅު އަހަރު ދުވަސް ވެއްޖެއެވެ.

އިންޑިއާގެ މަރުކަޒީ ބެންކުންވެސް ބުނެފައި ވަނީ އިގްތިސާދުގައި ދިރުމެއް ނެތަސް، ކުރިއަށް އޮތް ދުވަސްތަކުގައި އިގްތިސާދީ ދިރުމެއް އަންނަ ތަން ފެންނާނެ ކަމަށެވެ. .22/2021ގައި އިންޑިއާގެ އިގްތިސާދު ތަރައްގީވެފައި ވަނީ 9.5 ޕަސެންޓްގައެވެ.

ދުނިޔޭގެ ބާޒާރުގައި އަސާސީ މާއްދާތަކުގެ އަގުތައް މި ދުވަސްވަރު އުޅެނީ މަތިކޮށެވެ. އަސާސީ މުދަލުގެ އަގާއި، ސާފު ނުކުރާ ތެލުގެ އަގުވެސް އުޅެނީ ބޮޑުކޮށެވެ. މިހުރިހައި ކަމަކީވެސް މުދަލުގެ އަގު ބޮޑުވާން ދިމާވާނެ ކަންކަމެވެ. އަދި އެއާއެކު މީހުން މުދާގަންނަ މިންވަރު މަދުވުމާއި އިގްތިސާދީ ދިރުން ހީނަރުވުމަށް ދިމާވާނެ ކަންކަމެވެ. އިންޑިއާގެ މަސްއޫލުވެރިން ވިދާޅުވަނީ މިކަމުން އަރައި ގަނެވޭނެ ކަމަށެވެ.