ޕާކިސްތާންގައި ތެލާއި ގޭސް ނުލިބުމާއި ދޭތެރޭން ކަރަންޓް ކަނޑައިގެން ދިއުމުގެ މައްސަލާގައި މީހުން ދަނީ ޝަކުވާ ކުރަމުންނެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި މައްސަލައަކީ ސަރުކާރަށް މިކަން މެނޭޖުކުރަން ނޭނގުމެވެ. އަދި ދުރާލައި މައްސަލަ ހައްލުކުރުމަށް ބޭނުންވާ ބާވަތްތައް އެތެރެ ނުކުރެވުމެވެ.
ޕާކިސްތާންގެ ކަރަންޓް ވިއުގައަށް މައްސަލަތަކެއް ކުރިމަތިވެގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. މަންގަލާ ޑޭމްއާއި ޓަރްބެލާ ޑޭމްއިން ކަރަންޓް އުފެއްދުން ވަނީ ދަށަށް ގޮސްފައެވެ. މި ދެ ޑޭމްގައިވެސް ފެން ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. މިމައްސަލަ މިގޮތަށް ދިމާވެފައި ވަނިކޮށް ޗައިނާއިން ހަދައިގެން ހިންގާ އިންޖީނުގގެއަށްވެސް ހޮނު އެޅުމުގެ ސަބަބުން އެތަނަށްވެސް ގެއްލުންތަކެއް ލިބި، ކަރަންޓް އުފެއްދުން މަދުވެގެން ދިޔައެވެ. ޗައިނާއިން ހިންގަނީ 1300 މެގަވޮޓްގެ ކަރަންޓް އުފައްދާ އިންޖީނު ގެއެކެވެ.
ޕާކިސްތާންގެ ޕެޓްރޯލް ގެންގުޅޭ ފަރާތްތަކާ ޙަވާލާދީ ޑޯން ނޫހުގައި ބުނެފައި ވަނީ ޕެޓްރޯލާއި ގޭސް ލިބުމުގައި ދަތިތަކެއް އުޅެނީ އެ ބާވަތްތައް ގަތުމަށް ބޭނުންވާ ފައިސާ ހަމަނުޖެއްސިގެންނެވެ.
ޕާކިސްތާންގެ އެނަރޖީ މިނިސްޓަރ ޙާމިދު އަޒުހަރު ވިދާޅުވެފައި ވަނީ މިމައްސަލައަކީ ވަގުތީ މައްސަލައެއް ކަމަށާއި މިކަން ދާދި އަވަހަށް ޙައްލު ކުރެވޭނެ ކަމަށެވެ.