ލެންސްކަރޓް އަކީ އޮންލައިންކޮށް އައިނު ވިއްކާ ކުންފުންޏެކެވެ. 2010 ވަނަ އަހަރު އުފެއްދި މި ކުންފުނިން ނަންބަރު އައިނާއި އަވި އައިނާއި ކޮންޓެކްޓް ލެންސް އޮންލައިން ކޮށް ވިއްކައެވެ. މިކުންފުނީގެ އޮންލައިން ވިޔަފާރި ފުޅާވެގެން ދިއުމާއެކު، މިހާރު އިންޑިއާގެ އެކި ހިސާބުތަކުގައި 750 ފިހާރަ ހުޅުވާފައި ވެއެވެ.

ލެންސްކާރޓުން ބުނާ ގޮތުގައި އަދިވެސް އިތުރު ފިހާރަތައް ހުޅުވައި ފެކްޓްރީއެއް ހުޅުވުމަށް އެކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ. މިކަމަށްޓަކައި ޖަޕާނުގެ ސޮފްޓްބެންކުން ވަނީ ލެންސްކަރޓްގައި 220 މިލިއަން ޑޮލަރު އިންވެސްޓް ކޮށްފައެވެ. އަދި ކޭކޭއާރ ނަމަކަށް ކިޔާ ކުންފުންޏަކުންވެސް ވަނީ 95 މިލިއަން ޑޮލަރު އިންވެސްޓް ކޮށްފައެވެ.

ލެންސްކާރޓުން ވަނީ ދެކުނު އިރުމަތީ އޭޝިއާއާއި މެދުއިރުމަތީގައިވެސް ފިހާރަތައް ހުޅުވުމަށް ނިންމާފައެވެ.

ލެންސްކަރޓަކީ، އިންޑިއާގައި މިހާރު މަޝްހޫރުވަމުން އަންނަ ބޭރު މީހުން އިންވެސްޓްކުރުމަށް ޝައުގުވެރިވާ ޔުނިކޯން ކުންފުންޏެކެވެ. ޔުނިކޯން ކުންފުނިތަކަކީ އަމިއްލަ މީހުން ބިނާކޮށްފައިވާ ބިލިއަން ޑޮލަރަށް ފުޅާވެފައިވާ އަމިއްލަ ވިޔަފާރި ތަކެވެ. ބޭރުގެ ކުންފުނިތަކުން މިވިޔަފާރިތަކަށް އިތުރު ފައިސާ އަޅައި މިތަންތަން ފުޅާވެގެން ދިއުމުން ޙިއްސާގެ ބާޒާރުގައި ރަޖިސްޓްރީވެ އާންމުންނަށް ޙިއްސާ ވިއްކަން ފަށަނީއެވެ. އިންޑިއާއަށް ގިނަ އަދަދަކަށް ބޭރުގެ އިންވެސްޓްމެންޓް ވަންނަމުން ދަނީ މިކުންފުނިތައް މެދުވެރިކޮށެވެ.

އެންމެފަހުން ބޭރު ކުންފުންޏަކުން އިންޑިއާގައި އިންވެސްޓް ކުރީ އިންޑިއާގެ އޮންލައިންކޮށް، ކާނާ ޑެލިވަރީގައި އުޅޭ ޒޮމާޓޯގައެވެ. އެކުންފުނީގައި 1.3 ބިލިއަން ޑޮލަރު ބޭރުން އިންވެސްޓް ކޮށްފައި ވެއެވެ.

ލެންސްކާޓް ކުންފުނީގެ ވެރިޔާ 37 އަހަރުގެ ޕިޔޫޝް ބަންސާލްގެ ފުރަތަމަ ވިޔަފާރިއަކީ ޔުނިވަރސިޓީ ކިޔަވާ ކުދިންނަށް އެކޮމަޑޭޝަން ހަމަޖައްސައިދިނުމުގެ ވިޔަފާރިއެވެ. އޭނާ ބުނާ ގޮތުގައި އޭނާގެ ކުންފުންޏަކީ 2.5 ބިލިއަން ޑޮލަރުގެ އަގުހުރި ކުންފުންޏެކެވެ. އޭނާއަކީ ކެނެޑާގެ މެކްގިލް ޔުނިވަރސިޓީން ކިޔެވުން ނިންމުމަށްފަހު، މައިކްރޯސޮފްޓްގައި މަސައްކަތް ކުރުމަށްފަހު މީގެ ދިހަ އަހަރު ކުރިން އިންޑިއާއަށް އައިސް ވިޔަފާރި ފެށި މީހެކެވެ.

ލެންސްކަރޓުން މިދިޔަ އަހަރު އެކަނިވެސް އަށް މިލިއަން އައިނު ވިއްކާފައި ވެއެވެ. އަދި މިކުންފުނީގެ ވިޔަފާރި އަހަރަކު 30 އިންސައްތައަށް އިތުރުވާނެ ކަމަށް ލަފާ ކުރެވެއެވެ.

މިހާރު ލެންސްކަރޓަކީ އިންޑިއާގައި އެންމެ ފުޅާ ދާއިރާއެއްގައި އައިނު ވިއްކާ ކުންފުންޏެވެ. 2025އަންނަ އިރު މިކުންފުނީގެ އަގު، 15 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވެއެވެ.

އިންޑިއާގެ އާބާދީގެ 1.3 ބިލިއަން މީހުންނަށް އައިނު ބޭނުންވެއެވެ. އެހެންވެ އައިނު ވިއްކުމަކީ އިންޑިއާގައި އާރުލާ ވިޔަފާރިއެކެވެ.

ރާޖިސްތާންގައި މިކުންފުނިން ހަދާ ފެކްޓްރީގައި ދުވާލެއްގެ މައްޗަށް އެއްލައްކަ ފަންސާސްހާސް އައިނު އުފައްދާނެ ކަމަށް ލަފާ ކުރެވެއެވެ.