ގައުމުން ބޭރުގައި ދިރިއުޅޭ ޕާކިސްތާންގެ ސަރުކާރާ ދެކޮޅުވެރި ހަރަކާތްތެރިންނަށް ހަމަލަތައް ދެމުންދާ މައްސަލާގައި ހައްގަށް މަސައްކަތް ކުރާ ފަރާތްތަކުން ދަނީ ނުތަނަވަސްކަން ފާޅު ކުރަމުންނެވެ. އެމެރިކާގެ ހިއުސްޓަންގައި ދިރިއުޅޭ ވޮއިސް އޮފް ކަރާޗީގެ ޗެއަރޕަރސަން އަދި ކުރިން މުއްތަޙިދާ ގައުމީ މޫވްމެންޓް (އެމްކިޔޫއެމް)ގެ ރައީސް ނަދީމް ނުސްރަތު ވަނީ އޭނާގެ ފުރާނައަށް އަމާޒުކޮށް ދިން ޙަމަލައެއްގައި ސަލާމަތް ވެފައެވެ. އޭނާގެ ކާރަށް ބަޑިން ޙަމަލަ ދީފައި ވެއެވެ.

މިހާދިސާއާއި ގުޅިގެން ލަންޑަންއާއި ކެނެޑާގައި ދިރިއުޅޭ އެމްކިޔޫއެމްގެ މެމްބަރުން ވަނީ ދެކޅުވެރި ޝުއޫރުތައް ފާޅުކޮށް މުޒާހަރާ ކޮށްފައެވެ.

އެމްކިޔޫއެމްއިން ބުނާ ގޮތުގައި އެމީހުންގެ ލީޑަރު އަލްތާފް ޙުސައިންއާ ދެކޮޅަށްވެސް މީގެ ކުރިން ހަމަލައެއް އަމާޒުކޮށްފައި ވެއެވެ. ޖޫން 30ގައި ޕާލަމެންޓްގައި ވާހަކަ ދައްކަވަމުން ޕާކިސްތާން ބޮޑު ވަޒީރު އިމްރާން ޚާން ވިދާޅުވެފައި ވަނީ ޑްރޯން ބޭނުންކޮށްގެން އަލްތާފް ޙުސައިން ނެތިކޮށްލެވިދާނެ ކަމަށެވެ. ޚާންގެ މި ވާހަކައާ ގުޅިގެން އެމްކިޔޫއެމްއިން ވަނީ އެމެރިކާގެ ޚާރިޖިއްޔާގެ ސަމާލުކަމަށްވެސް ޚާންގެ ސްޕީޗް ގެނަސްފައެވެ.

ޕާކިސްތާންގެ ސަރުކާރާ ދެކޮޅުވެރިންނަށް ހަމަލަތައް އަމާޒު ކުރާ ވާހަކަ ދެކެވެނީ، ނެދަރލެންޑްސްގައި ދިރިއުޅޭ ޕާކިސްތާން މީހަކު މަރާލުމަށް އިނގިރޭސިވިލާތުގެ ޕާކިސްތާން ދަރިކޮޅުގެ މީހަކު އުޅެގެން އެމައްސަލާގައި އޭނާ ހައްޔަރުކޮށް ޝަރިއަތް ފެށުމާ ގުޅިގެންނެވެ.

މިދިޔަ އަހަރުވެސް ޕާކިސްތާންގެ ސަރުކާރާ ދެކޮޅުވެރި ދެމީހަކު މަރުވެފައި އޮތްވައި ފެނިފައި ވެއެވެ. ކަރީމާ ބަލޯޗް މަރުވެފައި އޮތްވައި ފެނިފައި ވަނީ އޭނާ ދިރިއުޅުނު ކެނެޑާގެ ޓޮރޮންޓޯގައެވެ. ކަރީމާއަކީ ބަލޯޗިސްތާން މީހުންގެ ހައްގުގައި ވާހަކަ ދައްކަމުން ދިޔަ މީހެކެވެ.

ސައްޖާދު ޙުސައިން ބަލޯޗަކީވެސް ބަލޯޗިސްތާންގައި އިންސާނީ ހައްގުތަކުގެ ހާލަތު އާންމު ސަމާލުކަމަށް ގެނަސްދިނުމުގައި މަސައްކަތް ކުރި ނޫސްވެރިއެކެވެ. އޭނާ މަރާލާފައި އޮތްވާ ފެނިފައި ވަނީ އޭނާ ސިޔާސީ ޙިމާޔަތް ހޯދައިގެން ދިރިއުޅުނު ސުއިޑްންގައެވެ. އޭނާގެ ހަށިގަނޑު އެއްލާލާފައި އޮތީ ކޯރަކަށެވެ.