އިޒްރޭލުން އުފައްދާފައިވާ ޕެގަސަސް ސޮފްޓްވެއަރ ބޭނުންކޮށްގެން މޮބައިލް ފޯނުތަކަށް ޖާސޫސް ކުރުމުން ޑިމޮކްރެސީގެ އަސާސް ފުޑިގެން ދާ ކަމަށް އެމެރިކާގެ ޕްރޮފެސަރުން ބުނެފިއެވެ. އިޒްރޭލުގެ ކުންފުނީގެ މި ފަސޭހައާ ގުޅިގެން ފަރަންސޭސިވިލާތުގެ ޝަރުއީ ނިޒާމުން ވަނީ މޮބައިލް ފޯންތަކަށް ޖާސޫސްކުރި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ސާޅީހަކަށް މީހުންނަށް ޖާސޫސްކޮށްފައިވާ އިންޑިއާގައި އިންޑިއާ ސަރުކާރުން ބުނެފައި ވަނީ މިއީ އެގައުމުގެ ޕާލަމެންޓްގެ މޮންސޫން ފައްތަރުގެ ޖަލްސާތައް ފަށައިގެން އުޅޭތީ އެކަމާ ދެކޮޅަށް ހަސަދަވެރިން ރާވައިގެން ހިންގާ ކެމްޕޭނެއް ކަމަށެވެ! އިންޑިއާގެ މީޑިއާއިން ބުނެފައި ވަނީ އެންއެސްއޯ ސޮފްފޓްވެއަރ އިންޑިއާގެ ނޫސްވެރިންގެ ފޯންތަކަށް ފާއްދާލާފައި ވަނީ މޮދީ އިޒްރޭލަށް ވަޑައިގެން ނަތަންޔާހޫއާ ބައްދަލު ކުރެއްވި ދަތުރަށް ފަހުގައެވެ.

ކެލިފޯނިޔާ ޔުނިވަރސިޓީގެ ޕްރޮފެސަރުން ބުނެފައިވަނީ ނޫސްވެރިންނަށް ޖާސޫސްކުރުމުން ޑިމޮކްރެސީއާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އަގު ވައްޓާލެވޭ ކަމަށެވެ.

ޓެރަރިސްޓުންނަށް ޖާސޫސްކުރުމަށްކަމަށް ބުނެ ޒަޔަނިސްޓް ގައުމުން އުފައްދާފައިވާ މި ސޮފްޓްވެއަރ ފުޅާދާއިރާއެއްގައި ދުނިޔޭގައި ބޭނުން ކޮށްފައިވާ މައްސަލައިން ޔަހޫދީ ދައުލަތް ބޮލާފޮށާއެޅުމުން އެންއެސްއޯއިން ވަނީ ޖާސޫސްކުރުމުގެ މިއަމަލުތައް ހިނގާފައިވަނީ ކިހިނެއްކަން ބެލުމަށް އެމީހުންވެސް ތަހުގީގެއް ހިންގާނެ ކަމަށެވެ.