މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހެއް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހުންގެ ތެރެއިން މުޖާޒް އަހުމަދު އާއި ތަހުމީން އަހުމަދުގެ އިތުރުން އަދުހަމް އަހުމަދު ރަޝީދު، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލައިގައި ހިމެނޭ އަލީ ހައިޝަމްގެ ބަންދަށް އިތުރު 30 ދުވަސް ވެސް ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގެ ތުހުމަތު ކުރެވޭ ހަތަރު މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވެސް ވަނީ ފޮނުވާފައެވެ.

ޕީޖީ ހުސެއިން ޝަމީމު ވިދާޅުވީ އެ ހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ ތުހުމަތު ކުރެވުނު ހަތަރު މީހުންގެ ތަހުގީގާއި ގުޅޭ މައްސަލަ ލިބިފައިވާ ކަމަށާއި ދެން ތިބި މީހުންގެ ތަހުގީގު ކުރިއަށްގެންދާ ކަމަށެވެ. ދައުވާކުރަން ފޮނުވި މީހުންނާއި މެދު 15 ދުވަހުގެ ތެރޭގައި ޕީޖީ އޮފީހުން ގޮތެއް ނިންމަންޖެހެއެވެ.

އަދި މި މަހުގެ 24 ވަނަ ދުވަހު މި މައްސަލައާ ގުޅޭގޮތުން އިތުރު މައުލޫމާތު ދިނުމަށް ފުލުހުންނާއެކު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.