ސީޕެކް ޕްރޮޖެކްޓްތަކުގައި ޕާކިސްތާންގައި މަސައްކަތް ކުރާ ޗައިނާގެ މީހުންނަށް ސަލާމަތާއި ރައްކާތެރިކަން ޕާކިސްތާނުން ކަށަވަރުކޮށްދިނުމަށް ބެއިޖިންގ އިން އިސްލާމްއާބާދުގައި އެދިއްޖެއެވެ. ޕާކިސްތާންގެ ޑާސް ހައިޑްރޯއިލެކްޓްރިކް ޑޭމްގައި މަސައްކަތް ކުރާ ޗައިނާގެ ބަޔަކު ބަހެއްގައި ދަތުރު ކުރަނިކޮށް ދިން ޓެރަރިސްޓް ހަމަލާގައި ޗައިނާގެ ނުވަ ރައްޔިތަކު ވަނީ މަރުވެފައެވެ.
ޗައިނާ ޑެއިލީން ރިޕޯޓް ކުރުގޮތުގައި، ޗައިނާގެ ސްޓޭޓް ކައުންސެލަރ އަދި ޕަބްލިކް ސެކިއުރިޓީ މިނިސްޓަރ ޒާއޯ ކޭޒީ ވަނީ ޕާކިސްތާންގެ ދާޚިލީ ވަޒީރު ޝެއިޚް ރަޝީދް އަޙުމަދުއާ ފޯނުން ގުޅުއްވައި ނުތަނަވަސްކަން ފާޅުކުރައްވާފައެވެ.
ޗައިނާއިން ވަނީ މި މައްސަލަ ތަހުގީގު ކުރުމަށް އިންވެސްޓިގޭޝަން ޓީމެއް ފޮނުވާފައެވެ. މި ޓެރަރިސްޓް ހަމަލާގައި ޗައިނާ މީހުން މަރާލުމުގައި ބައިވެރިވާ ބަޔަކު ހޯދައި އެބަޔަކަށް ހަރުކަށި އަދަބު ދެވޭނެކަމުގައި ޗައިނާގެ ވަޒީރު ވިދާޅުވިކަމަށް ޗައިނާ ޑެއިލީން ބުންޏެވެ. އަދި ޕާކިސްތާންގައި ދިރިއުޅޭ ޗައިނާ މީހުންނަށް ކުރިމަވާން ހުރި ހިރާސްތައް ބެލުމަށްވެސް ޗައިނާ ވަޒީރު އެދިވަޑައިގަތެވެ. އަދި ހިރާސް ކުޑަކުރުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށްވެސް އެދިވަޑައިގަތެވެ.
ބަލޯޗިސްތާން ސަރަހައްދުގައި ބަލޯޗީ ހަނގުރާމަވެރިން ދޭތެރެ ދޭތެރޭން ޗައިނާ މީހުންނަށް ގޯނާ ކުރެއެވެ.