ޕާކިސްތާންގެ ދާޚިލީ ވަޒީރު ދައްކަވާފައިވާ ވާހަކަތަކާ މެދު ގަޔާނުވެވަޑައިގެން އަފްޣާނިސްތާންގެ ޚާރިޖީ ވަޒީރު މުޙައްމަދު ޙަނީފް އާޓްމާރު ވަނީ ޕާކިސްތާންގެ ޚާރިޖީ ވަޒީރު ޝާހް މަހްމޫދު ޤުރެއިޝީއާ ވާހަކަފުޅު ދައްކަވާފައެވެ.
އާޓްމާރު ވިދާޅުވީ، ވިސްނުމަކާ ނުލައި ދައްކަވާ ވާހަކަތަކުންނާއި ދެކޮޅު ނުބަލައި ކަންކަމަށް ގޮތް ކިޔުމުން ދެ ގައުމުގެ ގުޅުމަށް އަސަރުކޮށްފާނެއެވެ.
އާޓްމާރު މިފަދައިން ވާހަކަ ދައްކަވަން ޖެހުނީ ޕާކިސްތާންގެ ވެރިރަށުގައި އަފްޣާން އެމްބެސެޑަރުގެ ދަރިފުޅު ވަގަށް ނެގައި އަނިޔާކުރި މައްސަލައިގައި ޕާކިސްތާންގެ ދިފާއުގައި ވާހަކަ ދެއްކެވުމަށް ބޭއްވެވި ނޫސް ކޮންފަރެންސްގައި ޕާކިސްތާންގެ ޝެއިޚް ރަޝީދް އަޙުމަދުގެ ބަސް މަގު ހުރިގޮތާ ގުޅިގެންނެވެ.
މި ވާހަކައިގައި ޤުރެއިޝީ ވަނީ ޕާކިސްތާންގައި ހުންނަ އަފްޣާން މިޝަން ހިމާޔަތް ކުރާނެ ކަމުގެ ޔަގީންކަން އާޓްމާރަށް ދެއްވާފައެވެ. އަދި އެމްބެސެޑަރުގެ ދަރިފުޅު ސިލްސިލާ ވަގަށް ނަގައިގެން އަނިޔާ ކުރި މައްސަލާގެ ފުރިހަމަ ތަހްގީގެއް ހިންގާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ. އަފްޣާނިސްތާނުން ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި އެގައުމުގެ ޑިޕްލޮމޭޓުން އަނބުރައި ކާބުލަށް ގެންގޮސްފައެވެ.