އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބްލިންކެން ނިއުދިއްލީއަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ. ބްލިންކެންގެ މި ދަތުރުފުޅަކީ، މިއަހަރުގެ ފަހިކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ އިއްތިހާދީ ހަތަރު ގައުމުގެ ވެރިންގެ ޝަޚްޞީ މަޝްވަރާއަށް ފައްކާކުރެއްވުމުގެ ގޮތުން ނިއުދިއްލީއަށް ކުރައްވާ ދަތުރުފުޅެކެވެ.
ކުއޯޑްގެ ނަމުން ކިޔޭ އެމެރިކާއާއި އިންޑިއާއާއި ޖަޕާނާއި އޮސްޓްރޭލިއާ ބައިވެރިވާ ޗައިނާއާ ހަތުރު އިއްތިޙާދުގެ ވެރިން މިހާތަނަށް ބައްދަލުވުންތައް ބާއްވަވާފައި ވަނީ މަޖާޒީކޮށެވެ.
މިހަތަރު ގައުމަކީ ހިންދު ކަނޑާއި ޕެސިފިކް ކަނޑު އެންމެނަށް ހުޅުވާފައި ބޭއްވުމަށް ބާރުއަޅާ މައި ހަތަރު ގައުމެވެ.
ބްލިންކެންގެ މިދަތުރުފުޅުގެ މަގްސަދަކީ ކުއޯޑްގެ އަމަލީ މަސައްކަތްތައް ފެށުމަށް ބޭނުންވާ މަޝްވަރާއަށް އެޖެންޑާ ތައްޔާރު ކުރެއްވުމަށް މަޝްވަރާތައް ބޭއްވެވުމެވެ. މިހަތަރު ގައުމުގެ ވެރިންގެ މަޝްވަރާތައް އޮންނާނީ އަހަރުގެ ފަހުބައިގައި ވޮޝިންޓަނުގައެވެ.
މިއީ ބައިޑެންގެ ސަރުކާރުގެ މަތީފެންވަރުގެ ދެވަނަ މަސްއޫލުވެރިއަކު އިންޑިއާއަށް ކުރައްވާ ދަތުރުފުޅެވެ. ކުރިން އެމެރިކާގެ މިހާރުގެ ސަރުކާރުގެ ދިފާއީ ވަޒީރު ވަނީ ނިއުދިއްލީއަށް ވަޑައިގެންފައެވެ.