ޕާކިސްތާންގައި ކޮވިޑް19އާ ކުރިމަތި ލުމަށް ގޮންޖެހުންތަކެއް ކުރިމަތިވާކަމަށް ޝިންހުއާއިން ބުނެފިއެވެ. ޝިންހުއާ ނޫސްއެޖެންސީން ނޭޝަނަލް ކޮމާންޑް އެންޑް އޮޕަރޭޝަން ސެންޓަރާ ޙަވާލާދީ ބުނެފައިވާ ގޮތުގައި ޕާކިސްތާންގެ ބައެއް ހިސާބުތަކުގައި ފައްސިވާ ނިސްބަތް އުޅެނީ 20 އިންސައްތައިގައެވެ.

ޕާކިސްތާންގައި މީޙުން ފައްސިވަމުން ދަނީ ޑެލްޓާ ވޭރިއެންޓަށެވެ. އިއްޔެ ރިޕޯޓްކޮށްފައިވާ ގޮތުން 24 ގަޑިއިރުގެ ތެރޭގައި 2145 މީހުން ފައްސިވެފައި ވެއެވެ. ކޮވިޑް19ގެ ހަތަރު ވަނަ ރާޅަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޕާކިސްތާނުން ބިރު ހީވެއެވެ.

ކަރާޗީއާއި ސިންދު ޕްރޮވިންސްގެ ބައެއް ހިސާބުތަކުން ފައްސިވާ ނިސްބަތް އިތުރުވެފައިވާ ކަމަށް ސިންދު ސަރުކާރުން ބުނެފައި ވެއެވެ. މި ތަންތާގައި ނިސްބަތް އުޅެނީ 20 އިންސައްތައިން މަތީގައެވެ.

މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި ރައްޔިތުން ބަސްނައަހާ އުޅޭނަމަ ފުރަބަންދަކަށް ދާން ޖެހިދާނެ ކަމަށެވެ.

މިދިޔަ 24 ގަޑި އިރު ތެރޭގައި ކޮވިޑްގައި ސަތު ތިރީސް މީހުން މަރުވެފައި ވެއެވެ. އަދި ޖުމުލަ ބާވީސްހާސް އަށްސަތޭކަ އަށާޅީސް މީހުން ޕާކިސްތާންގައި ކޮރޯނާ ލައިގަނެގެން މަރުވެފައި ވެއެވެ.