މިއަހަރުގައި ޗައިނާ މީސްމީޑިއާ އެޕް ޓިކްޓޮކް ޕާކިސްތާންގައި ދެ ދުވަހަށް މަނާ ކުރުމަށްފަހު އަނެއްކާވެސް މިއަދު ޓިކްޓޮކް މަނާ ކޮށްފިއެވެ. މިއީ ހަތަރު ވަނަ ފަހަރަށް މިއަހަރު ޕާކިސްތާނުން ޓިކްޓޮކް މަނާކުރި ފަހަރެވެ.

ޚިޔާލުފާޅުކުމުގެ މިނިވަންކަން ދަމަހައްޓަން ބޭނުންވާ ފަރާތްތަކުން ޝަކުވާ ކުރަނީ ޕާކިސްތާން ސަރުކާރުގެ ސެންސަރު ކުރުމުގެ ދިގު އަތް މި އެޕަށް ފޯރުވަނީ ކަމަށެވެ.

ޕާކިސްތާން ސަރުކާރުން ބުނަނީ މި ޗައިނާ އެޕްގައި ބަދުއަޚުލާގީ މަންޒަރާއި އަޑު ހުންނަނީ ކަމަށެވެ. ޕާކިސްތާންގެ ފުރާވަރުގެ ކުދިންނަށާއި ނޫކަށިފުރައިގެ ޒުވާނުންނަށް ޓިކްޓޮކަކާއި ނުލައި ނުއޫޅެވޭނެއެވެ. މިނިވަން ފިކުރަށް ވައިނޭޅޭ ފަރާތްތަކުން ބުނަނީ އެއްޖިންސުން ގުޅުމުގެ އަމަލުތަކާއި ބަދުއަޚުލާގީ އަމަލުތަކަށް ހިތްވަރު ދިނުމުގެ އަޑާއި މަންޒަރު މި އެޕުން އާންމުނާ ހަމައަށް ފޭދޭ ކަމަށެވެ.

ޖޫން މަހުވެސް ޕާކިސްތާންގެ މަސްއޫލު ފަރާތްތަކުން ވަނީ ޓިކްޓޮކްގައި އަތްފުނާއަޅައިގެން ހަ މިލިއަން ވީޑިއޯ ޑިލީޓްކޮށްފައެވެ. ކުންފުނިން ބުނާ ގޮތުގައި ޑިލީޓްކޮށްފައިވާ ވީޑިއޯގެ 15 އިންސައްތައަކީ، ބަރަހަނާ މަންޒަރުތައް ފެންނަ ވީޑިއޯއާއި ބޮޑެތި މީހުންގެ ފާހިޝު އަމަލުތައް ދައްކައިދޭ ވީޑިއޯތައް ކަމަށެވެ.

ޕާކިސްތާންގައި ކޮންމެވެސް ސަބަބަކާއި ލައިގެން ޑޭޓް ކުރުމަށް ފުރުސަތު ލިބޭ އެޕްތައްވެސް ވަނީ މަނާކޮށްފައެވެ. ދޭތެރޭއަކުން ޔޫޓިއުބުންވެސް ބައެއް ވީޑިއޯތައް ނަގަންވެސް އަމުރު ކުރިއެވެ.