އެމެރިކާގައި އެއްވެސް ފަރާތަކުން އެހެން ގައުމެއް އެމެރިކާ ސަރުކާރުގެ ތެރޭން ޕްރޮމޯޓްކޮށްދީ ހަދަނީނަމަ، އެކަން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓަށް އަންގަން ޖެހެއެވެ. މިއީ މަޝްހޫރު ނަމުންނަމަ، "ފާރާ" ގާނޫނުގެ ދަށުން ކޮންމެ ފަރާތަކުންވެސް ކުރުން ލާޒިމު ކަމެކެވެ. މިކަން ނައަންގައި ސިއްރުކޮށްފިނަމަ، ފޮރިން އެޖެންޓްސް ރެޖިސްޓްރޭޝަން އެކްޓް (ފާރާ)ގެ ދަށުން އެމީހަކު އެކުރަނީ ޖިނާއީ ކުށެކެވެ. މި ގާނޫނުގެ މަފްހޫމުގައި، އެއްވެސް ފަރާތަކުން އެހެން ގައުމެއްގެ މަސްލަހަތުގައި މަސައްކަތް ކުރާނަމަ އެފަދަ ލޮބީ ކުރުމެއް ކުރަންވާނީ އެކަމަށް ލިބޭ މާލީ މަންފާއާއި އެ މަންފާއެއް ފޯރުވައިދޭ ފަރާތާއި ލިބޭ ފަރާތްވެސް ހާމަކުރުމާ އެކުގައެވެ.
އެމެރިކާގެ ވޮޝިންޓަނުގައި އެކުވެރި އަރަބި އިމާރާތަށް ލޮބީކޮށްދޭން އުޅުނު ތިން މީހެއްގެ ތެރޭން އެމެރިކާގެ ރަށްވެހިންގެ ދެމީހަކު މިއަދު ހައްޔަރުކޮށްފައި ވެއެވެ. ތިން ވަނަ މީހާއަކީ އަރައްބެކެވެ. އޭނާގެ ވާނުވާ ކަމާބެހޭ ފަރާތްތަކަށް އަދި ނޭނގެއެވެ.
ފާރާގެ މަޢްލޫމާތު އެނގިހުރެ، ނުވަތަ ނޭނގިހުރެ ނަމަވެސް ލޮބީކުރުމުގައި އުޅޭ މީސްމީހުން ގާނޫނުގެ ގޮޅިއަކަށް ފެތެއެވެ.
މެރީލެންޑްގެ ރައްޔިތެއްކަމަށްވާ ނިސާރު އަޙުމަދު ވަނީ މިފަދަ ގޮޅިއަކަށް ފެތިފައެވެ. އޭނާއަކީ އެފްބީއައި އިން ބުނާ ގޮތުން ފާރާއަށް މަޢްލޫމާތު ސިއްރުކުރި މީހެކެވެ. ޕާކިސްތާން ޕްރޮމޯޓް ކުރުމަށް އޭނާ މަސައްކަތް ކުރިއެވެ. އަދި ޕާކިސްތާންގެ ސިޔާސަތު ކިޔައިދޭން ވޮޝިންޓަނުގައި އޭނާ ކޮންފަރެންސްތައް ބޭއްވިއެވެ. އޭނާއަކީ ޕާކިސްތާން އެމެރިކަން ލީގްގެ ރައީސެވެ. ޑިޕްލޮމެޓިމް ދާއިރާގައި އޭނާ ޙަރަކާތްތެރިވިއެވެ. އޭނާގެ މަސައްކަތް އޭނާ ސިއްރެއް ނުކުރެއެވެ. ނަމަވެސް އޭނާ ކުރި މަސައްކަތުގެ މުގާބިލުގައި ޕާކިސްތާންގެ ސަރުކާރުން އޭނާއަށް މާލީ މަންފާއެއް ލިބުނުކަމުގެ މަޢްލޫމާތު ފާރާ ގާނޫނުގެ ދަށުން އޭނާ ސިއްރުކުރިއެވެ. އެކުށުގައި މިހާރު އޭނާއަށް ވަނީ ފަސް އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ.
ތަޙުގީގުން ބުނެފައި ވަނީ 2012ން ފެށިގެން ހަ އަހަރު ވަންދެން އެމެރިކާގެ ސިޔާސަތަށް ނުފޫޒު ފޯރުވުމަށް އޭނާ މަސައްކަތް ކުރި ކަމަށެވެ. މާނައަކީ އޭނާ ކޮށްފައިވަނީ އެކަޑެމިކް މަސައްކަތެއް ނޫނެވެ.
ޕާކިސްތާނުން މި މައްސަލާގައި ވަރަށް ސާފުބަހުން ޕާކިސްތާންގެ ދިފާއުގައި ވާހަކަ ދެއްކިއެވެ. ވޮޝިންޓަނުގައި ހުންނަ ޕާކިސްތާން އެމްބަސީން ބުނެފައިވަނީ ޕާކިސްތާނުން ލޮބީން ނުގެން ގުޅޭ ކަމަށެވެ. މާނައަކީ، ފާރާގެ ދަށުން ރަޖިސްޓްރީ ވާންޖެހޭ ޕާކިސްތާން ސަރުކާރުން ހޭދަ ކުރާ އެޖެންޓުންނެއް އެމެރިކާގައި ނުތިބޭނެ ކަމަށެވެ.
ސަތުތު އޭޝިއާ ޕްރެސް އިން ވަނީ ނިސާރު އަޙުމަދުގެ ދިފާޢުގައި ވާހަކަ ދައްކާފައެވެ. ސައުތު އޭޝިއާ ޕްރެސްއިން ބުނެފައި ވަނީ ޕާކިސްތާނުން ވޮޝިންޓަނުގައި ގިނަ ލޮބީން ގެންގުޅޭކަމަށެވެ. ތަފާތަކީ ފާރާގެ ދަށުން މިމީހުން ރަޖިސްޓްރީވެފައި ނެތުމެވެ. ޕާކިސްތާނަކީ ސިޔާސީ ގޮތުން މިފަދަ ލޮބީކުރުމެއް އެމެރިކާގައި ގެންގުޅެން ޖެހޭ ގައުމެކެވެ. އެމެރިކާއަކީ ޕާކިސްތާނު އަތުން ފައިސާ ނެގުމަށްފަހު އެފް16ގެ އުދުހޭބޯޓު ނުވިއްކި ގައުމެވެ. ވިއްކަން ޖެހުނު ހިނދު ދިގު ދެންމި ގައުމެވެ. އެހެންވެ ޕާކިސްތާނަށް އެގައުމުގެ ސިޔާސަތު ވޮޝިންޓަނުގައި ތިބޭ ކަމުވޮށިގެންވާ މީހުންނާއި ކަންކަން ނިންމަން ތިބޭ މީހުންނަށް ކިޔައިދޭން ޖެހެއެވެ. އެޖެންޓުން ގަތުމާއި ފައިސާ ދިނުމަކީ މުޅިން އެހެން ވާހަކައެކެވެ.
ނަންހާމަ ނުކޮށް ސައުތު އޭޝިއާ ޕްރެސްއިން ހަވާލާދިން ޕާކިސްތާންގެ ކުރީގެ ޑިޕްލޮމޭޓަކު ބުނެފައި ވަނީ ޕާކިސްތާނުން ގެންގުޅޭ ލޮބީން ކޮންޓްރޯލު ކުރަނީ ޕާކިސްތާނު ސަރުކާރުންނެއް ނޫނެވެ. އެމީހުން ކޮންޓްރޯލު ކުރަނީ ޕާކިސްތާންގެ ޖާސޫސީ އައިއެސްއައި އިދާރާއިންނެވެ.
ޕާކިސްތާނަކީ، އެމެރިކާގެ އެކެޑެމިކް ދާއިރާގައިވެސް ޕާކިސްތާނަށް ހަމްދަރުދީވާ ފަރާތްތައް ޕާކިސްތާނަށް ގެނަސްގެން އެކަޑެމިކް ބައްދަލުވުންތައް ބާއްވާ ގައުމެކެވެ. އަދި މިފަދަ ފަރާތްތަކަށް ޕާކިސްތާންގެ ސިފައިންގެ ފަރާތުން ފުރިހަމައަށް މަރުޙަބާ ކިޔެއެވެ.
ޕާކިސްތާނުން މިފަދަ ލޮބީންތައް މެދުވެރިކޮށް، އެންމެ ބޮޑަށް ފަތުރަން ބޭނުންވާ ފިކުރަކަށް ވާނީ ކަޝްމީރުގެ މައްސަލާގައި ޕާކިސްތާނުން ގެންގުޅޭ ވިސްނުމާއި ދެކޭ ގޮތެވެ. އެކަން ބަރާބަރަށް ޕާކިސްތާނުން ކުރުވައެވެ.
ވޮޝިންޓަނުގައި ޙަރަކާތްތެރިވާ ލޮބީކޮށްދޭ ކުންފުނިތަކުގެ ތެރޭން ޗައިނާއިން އެ ކުންފުންޏެއްގެ އެހީތެރިކަން ހޯދާ ބްރައުން ލުއޭޑް ޖޭމްސް ކުންފުންޏަކީ ޕާކިސްތާނުންވެސް އެފަރާތެއްގެ އެހީތެރިކަން ހޯދާ ކުންފުނި ކަމަށް ޕާކިސްތާންގެ ކުރީގެ ޑިޕްލޮމޭޓް ކިޔައި ދެއެވެ. މީގެ އިތުރުން ހޮލެންޑް އެންޑް ނައިޓު ކުންފުންޏަކީވެސް ޕާކިސްތާނުން އެހީހޯދާ ކުންފުންޏެކެވެ.
އެމެރިކާއަކީ، އިދިކީއްޔަށް ހުންނަ ކަންކަންވެސް ގާނޫނީ އިމުގެ ތެރޭން ސީދާކުރާ ޒާތުގެ ގައުމެއްކަމުން، އެމެރިކާގެ ސިޔާސަތަށް ނުފޫޒު ފޯރުވުމަށް ލޮބީންނަށް، ފާރާގެ ގާނޫނީ އިމުގެ ތެރޭން ފައިސާދީގެން (ގަނެގެން) ގެންގުޅުމަކީ ހުއްދަ ކަމެކެވެ.
އެމެރިކާގެ މިޙާލަތަށް އަލިއަޅުވާލައްވަމުން އެމެރިކާގެ ޕޮލިޓިކަލް ސައިންޓިސްޓް ޑރ. ކްރިސްޓީން ފެއަރ ވިދޅުވަނީ އެމެރިކާގެ "ޑިމޮކްރެސީ އަކީ ބޭނުން ކޮންމެ މީހަކަށް ގަނެވޭނެ" ޑިމޮކްރެސީއެއް ކަމަށެވެ.