ބާރުގަދަ އެއްޗެއް ހުޅުމާލޭގައި މިރޭ ގޮވައިފިއެވެ. އެ ގޮވައިފައިވަނީ ހުޅުމާލޭ ބޯގަންވިލާ މަގު ކުޅިވަރު ކުޅުމަށް ޚާއްސަކޮށްފައިވާ ހުސްބިން ހިމެނޭ ސަރަހައްދުގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން ސިފައިންނާއި ފުލުހުން ދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ފުލުހުން ވިދާޅުވީ ގޮވާފައިވަނީ ކޯއްޗެއް ކަމެއް އަދި އެނގިފައި ނުވާކަމަށެވެ. އެ ގޮވިއެއްޗެއްގެ ބައިތައް ކަމަށް ބެލޭވޭ އެތިކޮޅުތަކެއް ވެސް ވަނީ އެސަރަހައްދުން ފެނިފައެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައި ނުވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ފުލުހުން މިހާރު ގެންދަނީ އެ ސަރަހައްދު ބަންދުކޮށްގެން އެތަން ބަލަމުންނެވެ.
މިހާދިސާއާ ގުޅިގެން މާލެ ސިޓީ ކައުންސިލުގައި ހިމެނޭ ހުޅުމާލޭ ކައުންސިލަރ އިބްރާހީމް ސުޖާއު ވިދާޅުވެފައިވަނީ އެ ގޮވުމުގެ އަޑު އެއްސެވީ ކުއްލި ހައިރާންކަމާއެކީ ކަމަށެވެ. އެ ގޮވުމުގެ ސަބަބުން ރައްޔިތުން ތިބޭނީ ހާސް ކަމެއްގެތެރޭގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެނަސް މިހާލަތުގައި ވެސް އަމަލު ކުރަންވާނީ ސަލާމަތީ ޚިދުމަތްތަކުންދޭ އިރުޝާދާ އެއްގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.