ވެދުމާ ދިއުމަކީ ށ. ފުނަދޫގައި ކުޅޭ ޘަޤާފީ ކުޅިވަރުގެ ތެރޭގައި ހިމެނޭ ވަރަށް ޚާއްޞަ ކުޅިވަރެކެވެ. ކޮންމެ އަހަރެއްގެވެސް އަޟުޙާ ޢީދުގައި އޮންނަ މި ކުޅިވަރަކީ ޘަޤާފީ އެހެން ކުޅިވަރުތަކާ ޚިލާފަށް ދެ ޖިންސު އެކީގައި ކުރިއަށް ގެންދާ ކުޅިވަރެކެވެ.

އަންހެނުންނާއި ފިރިހެނުން އެކުގައި ޢީދު ވެދުމާ ދިއުމަށް ތައްޔާރުވުމުގެ ގޮތުން އަޟުހާ ޢީދު ފެށުމުގެ ކުރިން މިކަމަށް ފަރިތަކުރުން އޮންނަ ކަމަށް، މިކަމުގައި ބައިވެރިވެ އިސްކޮށް ހަރަކާތްތެރިވާ ލީލާ ހާމިދު ބުންޏެވެ.

ޢީދު ވެދުމާ ދިއުމުގައި ފުނަދޫގެ ކުދިބޮޑު އެންމެހައި ރައްޔިތުން ބައިވެރިވެއެވެ. އެހެންނަމަވެސް ލަވަކިޔުމާއި ދަނޑިޖެހުމާއި، ނެށުމުގައި ބައިވެރިވަނީ ހޮވާލެވޭ ވަކި ބައެކެވެ.

ދިވެހިވަންތަ ރީތި ލަވަތަކާއި ބެރަށް ފައި ހަމަކުރަމުން ދަނޑިޖެހުމާއެކު ކުރިއަށްދާ މި ޘަޤާފީ ހަރަކާތުގައި ވެދުން އެރުވުން އޮންނަނީ ރަށުގެ ކަމުވޮށިވެގެންވާ ޢިއްޒަތް ތެރިންގެ ތެރެއިން ކޮންމެވެސް ބޭފުޅަކަށެވެ. ނުވަތަ ސަރުކާރުގެ ޢިއްޒަތްތެރިއަކަށެވެ. ނުވަތަ ރަށަށް ވަޑައިގެން ހުންނެވި ޤައުމަށް ޚިދުމަތްތަކެއް ކޮށްދެއްވި ފަރާތަކަށެވެ. މި ވެދުން އެރުވުމަށްވެސް ވަކި ޙާއްޞަ ލަވައެއް އޮވެއެވެ. ވެދުން އަރުވަނީ ލަވަކިޔާ ނަށަމުންނެވެ.

ށ. ފުނަދޫ ކައުންސިލު މެންބަރު އަދި ވެދުމާ ދިއުމުގެ މި ޙަރަކާތުގައި ލަވަކިޔުއްމުގައި އިސްވެ ހުންނަވާ ޒުލްފާ ހާމިދު ބުނުއްވީ ވެދުމަށް އަރުވާ މަލާފަތް ތައްޔާރު ކުރުމަކީ ވެސް ވަރަށް ޚާއްޞަ ކަމެކެވެ. މި މަލާފަތުގައި ހުންނަނީ ބަނބުކޭލު ބޮނޑިބަތާއި ހަނޑުލު ބޮނޑިބަތާޢި ކުޅިމަހެވެ. މަލާފަތް ތައްޔާރުކުރުމުގެ ހުރިހާމަސައްކަތެއްވެސް ކުރަނީ އަންހެންވެރިންނެވެ. ކުރީގައި ވެދުމާ ދާއިރު މަލާފަތް ތައްޔާރުކޮށް ރީތިކޮށް ރުމާލަކުން ބަނދެ ގޮށްޖަހައިގެން ގެންދެއެވެ. ނަމަވެސް މިހާރު ޒަމާނާއި އެއްގޮތަށް ރީތި ކުލަ ކަރުދާހުގައި ޕާރުސަލަކޮށްގެން މަލާފަތް ވެދުމަށް އަރުވައެވެ.

ފުނަދޫގައި އަޟުހާ ޢީދުގައި ކުރިއަށް ގެންދާ ވެދުމާ ދިއުމަކީ ގިނަ ބައެއްގެ ތަރުޙީބު އެކުޅިވަރަކަށް ލިބިފައިވާ ޘަޤާފީ ޙަރަކާތެކެވެ. ކާބަފައި ޒަމާނުއްސުރެ ފުނަދޫގެ ރައްޔިތުން ބައިވެރިވާ މިކުޅިވަރަށް ފުނަދުއަށް ޒިޔާރަތްކުރާ މެހުމާނުންގެ ތަރުޙީބުވެސް ވަރަށްބޮޑަށްލިބެއެވެ.