ނުރަސްމީ ދަތުރުފުޅަށް ފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހާއި އަނބިކަނަލުން ފަޒުނާ އަހްމަދު ރާއްޖެ ވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

އަވަށްޓެރި ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސަގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ވަނީ ކުރައްވާފަ އެވެ.

އެ ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތާއި، އެ މަސައްކަތުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

އެގޮތުން، ފެސިލިޓީތަކަށް ބުރަނުވާނެގޮތަށް އެޅި ފިޔަވަޅުތައް ފާހަގަކުރައްވައި މި ބަލިމަޑުކަމުން އަރައިގަތުމުގައި އެންމެ އިސްކަމެއް ދެއްވަނީ ވެކްސިން ފުރިހަމަކުރުމަށް ކަމުގައި ދެ ޤައުމުގެ ވެރިންވެސް ފާހަގަކުރެއްވި އެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާގެ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެޤައުމުގެ ގުޅުން މުޞްތަޤްބަލުގައިވެސް ވަރުގަދަކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ދެ ބޭފުޅުން ވެސް ވަނީ ވިދާޅުވެފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ޢުމަރު ޢަބްދުއްރައްޒާޤާއި، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް، ޞަބްރާ އިބްރާހީމް ނޫރައްދީން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ނުރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސްރީލަންކާއަށް ވަޑައިގެންނެވީ މިމަހުގެ 20 ވަނަ ދުވަހު އެވެ.