އެމެރިކާ ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި ޗައިނާ ސަރުކާރުން ޗައިނާގެ ކުށްވެރި ގޭންގްތައް ބޭނުން ކޮށްގެން ދުނިޔޭގެ ކަންކޮޅުތަކުގައި ސައިބާ ހަމަލަތައް ދެމުން ގެންދެއެވެ. ފައިނޭންޝަލް ޓައިމްސްއިން މިވާހކަ ރިޕޯޓް ކުރަމުން ބުނެފައި ވަނީ، ވައިޓްހައުސްއިން ސާފުބަހުން ޗައިނާއަށް ތުހުމަތު ކުރީ، ޗައިނާގެ ހަތަރު މީހަކަށް ދައުވާކުރުމަށް ނިންމުމާ ގުޅިގެންނެވެ.
މިހަތަރު މީހުންގެ ތެރޭން އެކަކަކީ ކޮންޓްރެކްޓަށް ވެބްސައިޓް ހެކްކޮށްދޭން އުޅޭ ސޮރެކެވެ. އަނެއް ތިން މީހުންނަކީ ޗައިނާގެ މިނިސްޓްރީ އޮފް ސްޓޭޓް ސެކިއުރިޓީގެ މުވައްޒަފުންނެވެ.
މިމީހުންނަށް ކުރާ ދައުވާއަކީ، އެމެރިކާގެ ކުންފުނިތަކާއި ޔުނިވަރސިޓީތަކާއި ސަރުކާރުގެ އިދާރަތަކުގެ މަޢްލޫމާތުގެ ވިއުގަތަކަށް ތޮރުފިގެން މަޢުލޫމާތުން ވައްކަން ކުރަން އުޅުމާއި މަޢްލޫމާތުގެ ރަސްމަގުގައި ފޭރެން އުޅުމެވެ. މިމީހުން މިޖަރީމާތައް ޗައިނާ ސަރުކާރުގެ ވާގިވެރިކަމާއެކު ކުރަމުން ގޮސްފައި ވަނީ 2011ން 2018އާ ދެމެދުގައެވެ.
އެމެރިކާއިން ކުރިން ސިއްރުކޮށް ސިލުޖަހާފައި ވަނިކޮށް ސިއްރުވެރިކަން ނިގުޅައި ގަތީ ދުނިޔޭގެ އެކި ހިސާބުތަކުގައި ބެންކުތަކާއި ބޮޑެތި ވިޔަފާރި ވެބްސައިޓްތަކަށް ސައިބާ ހަމަލަތައް އަމާޒުކުރުމުން އެވާހަކަ އާންމު ވުމާ ގުޅިގެންނެވެ.
ސީއެންއެން އިން މިވާހަކަ ރިޕޯޓް ކުރަމުން ބުނެފައި ވަނީ ޗައިނާއާއެކު ސައިބާ ހަމަލަތަކާ ގުޅޭ ނުތަވަސްކަން އެމެރިކާއިން ޙިއްސާކޮށްފައިވާ ކަމަށެވެ. ނަމަވެސް މި ރޮނގުން އެމެރިކާއިން ޗައިނާއާ ދެކޮޅަށް ދަތިކުރުމަށް ފިޔަވަޅެއް އެޅުމަށް އަދި ވިސްނާފައެއް ނުވެއެވެ.
ސީއެންއެންއިން ބުނަނީ، އެމެރިކާގެ ބައިޑެންގެ ސަރުކާރުން ވަނީ ޗައިނާގެ ސްޓޭޓް ސެކިއުރިޓީ މިނިސްޓްރީ އަޑީގައި އޮވެގެން މައިކްރޯސޮފްޓް ސާވާއަށް ހަމަލަ ދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފާހަގަ ކޮށްފައެވެ.
ނޯރވޭގެ ޕާލަމެންޓްގެ މައިކްރޯސޮފްޓް އެކްސްޗޭންޖް ސާވާއަށް ޗައިނާއިން ދިން ސައިބާ ހަމަލަ ކުށްވެރިކުރަމުން އޮސްލޯއިން ވަނީ ޗައިނާ އެމްބެސެޑަރު ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް މިފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް އަންގާފައެވެ.
ރޮއިޓަރޒްއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެމެރިކާއާއި އެމެރިކާގެ ބައިވެރިން ވަނީ ޗައިނާއިން ދުނިޔޭގެ ފެންވަރުގައި މަޢުލޫމާތުގެ ރަސްމަގުގައި ޖާސޫސްކުރުމުގެ އަމަލުތައް ހިންގާތީ އެކަމާ ދެކޮޅަށް އިއްތިޙާދުވުމަށް ނިންމާފައެވެ. ރޮއިޓަރޒް އިން ބުނިގޮތުގައި ބެއިޖިންގ އިން ވަނީ މިވާހަކަތަކަށް ރުޅިވެރިކަމާއެކު ރައްދު ދީފައެވެ.
ޗައިނާގެ ސައިބާ ޖާސޫސްކުރުމުގެ އަމަލު ކުށްވެރިކުރުމުގައި ނޭޓޯއާއި ވިލާތު އިއްތިޙާދުގެ އިތުރުން އޮސްޓްރޭލިއާއާއި އިނގިރޭސިވިލާތާއި ކެނެޑާއާއި ޖަޕާނާއި ނިއުޒިލެންޑުން ބައިވެރިވެއެވެ. މިފަރާތްތަކުން ބުނެފައިވާ ގޮތުގައި މިއިން އިގްތިސާދީ ސަލާމަތާއި ރައްކާތެރުކަން ގެއްލިގެން ދެއެވެ.