އިންޑިއާ އިން ރާއްޖެއަށް 70 މިިލިއަން ރުފިޔާގެ ހިލޭ އެހީ ދީފި އެވެ.

މިއީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ހިންގުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ދޭ އެހީ އެވެ.

ރާއްޖޭގައި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) ހިންގުމާ ގުޅޭ އެމްއޯޔޫގައި އިންޑިއާއާ އެކު މިއަދު ސޮއިކޮށްފައިވާ އިރު މި މަޝްރޫއުގެ ދަށުން ރާއްޖޭގައި އިޖްތިމާއީ މަޝްރޫއުތައް ހިންގުމަށް އިންޑިއާއިން 70 މިލިއަން ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އިންޑިއާގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖެއިޝަންކަރްއެވެ. އަދި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ.

އެ އެމްއޯޔޫގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި އަދި ސިޓީ ކައުންސިލްތަކުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ގާތްގަނޑަކަށް 10 ހައި އިމްޕެކްޓް މަޝްރޫއުއަށް އިތުރު 70 މިލިއަން ރުފިޔާ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް މަގުފަހި ކުރުވާ މި މަޝްރޫއުތަކުގެ ތެރޭގައި ތައުލީމީ ދާއިރާއަށް ބޭނުންވާ އުމްރާނީ ތަރައްގީ އާއި ސިއްހަތާއި ކޮމިއުނިޓީ ޑިވެލޮޕްމަންޓާއި ތިމާވެއްޓާއި ސަގާފީ ތަރިކަ ހިމާޔަތް ކުރުމާއި، އަންހެނުން ބާރުވެރި ކުރުވުމާއި، ކުޑަކުދިންގެ ވެލްފެއާ އާ ގުޅުން ހުރި ކަންކަން ހިމެނެ އެވެ.

މާޗު 2019 ގައި އިންޑިއާގެ ކުރީގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖް ދިވެހިރާއްޖެއަށް ކުރެއްވެވި ދަތުރުގެ ތެރޭގައި ހަމަ މިފަދަ އެމްއޯޔޫއެއްގައި ސޮއި ކުރިއެވެ.

އެ އެމްއޯޔޫ މެދުވެރިކޮށް ފޯރުކޮށްދިން 85 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން 12 ހައި އިމްޕެކްޓް މަޝްރޫއުގެ މަސައްކަތް އެކި ރަށްރަށުގެ ރަށު ކައުންސިލްތަކުން މިހާރުވެސް ހިންގަމުން ދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.