ހުސޭނާއި މަރިޔަނބު 2005 ވަނަ އަހަރު މާލެ ދިޔައީ އެދެމަފިރިންގެ އަންހެން ދެދަރިންނަށް ޗުއްޓީ ލިބުމުންނެވެ. ސުކޫލު ބަންދުވުމުން ދެކުދިން ޑޮކްޓަރަށް ދައްކާލާ ބާޒާރު ކޮށްލުމަށެވެ.

އުތުރުގެ ރަށަކަށް ނިސްބަތްވާ މި ކުޑަ އާއިލާ މާލޭގައި ތިބީ އާއިލާގެ ބައެއް ދިރިއުޅޭ ގެއެއްގައެވެ.

އެއްރެއަކު ދެކުދިން ގޭގައި ބޭތިއްބުމަށްފަހު ހުސޭނާއި މަރިޔަނބު ބާޒާރަށް ނުކުތެވެ. ދުވަސްވަރަކީ މާލޭގައި މާރާ މާރީއާއި ތަޅާފޮޅުމާއި ކަޓަރު އެޅުންފަދަ ނޭއްގާނީ ޢަމަލުތައް ގިނަވެފައިވާ ދުވަސްވަރެކެވެ. އެހެންކަމުން މަރިޔަނބު ރޭގަނޑު މާލޭގެ މަގުތަކުގައި ހިނގަންވެސް ބިރުގަނެއެވެ. އެހެންނަމަވެސް ރަށަށް ދިއުމުގެ ކުރިން ކުދިންނަށް ހެދުންފަހަން ފޮތި ގަންނަން ޖެހިފައިވާތީ ފޮތި ފިހާރައަކަށް ދިޔައެވެ. މަރިޔަނބު ފިހާރައިގައި އަޅުވާފައި ހުރި ފޮތިތަކުގައި އަތްކާއްތަމުން ބަލަމުން ގޮސް ކުއްލިއަކަށް ހުސޭނުގެ އަތުގައި ހިފައި ދަމައިގެންފާ ގެއަށް ހިނގާށޭ ބުންޏެވެ. މަރިޔަނބު މިހެން ބުނީ ހުސޭނުގެ ކަންފަތް ދޮށުގައި ނިކަން ސިއްރުންނެވެ. ހުސޭނު ވަރަށް ހައިރާންވެފައި ފާތުމައަށް ބަލާލިއިރު ދެލޯ ބޮޑުވެފައި ދެފައި ތުރުތުރު އަޅައެވެ. ހުސޭނު ކިހިނެއްވީތޯ ސުވާލުކުރިއެވެ. މަރިޔަނބު ތަކުރާރުކޮށް ބުނަނީ އެކައްޗެކެކެވެ. ގެއަށް ހިނގާށެވެ. އެންމެފަހުން ހުސޭނުގެ އަތުގައި ހިފައި ދަމަމުން މަރިޔަނބު ފިހާރައިން ނުކުމެއްޖެއެވެ. އޭރު މަރިޔަނބު ހުރީ ގުނބުހިއްލާ، މާނޭވާ ލެވި ލެވިއެވެ.

ފިހާރައިން ނުކުމެ ތަންގަޑަކަށް ހިނގުމަށްފަހު ހުސޭނު މަޑުވެއްޖެއެވެ. އަދި މަރިޔަނބުއާއި ސުވާލުކުރިއެވެ. ފޮތި ނުގަނެ ރޯމަހެއް ތެޅޭހެން ތެޅެމުން ފޮޅެމުން ފިހާރައިން ނުކުމެގެން ތިޔަ އައީ ކީއްވެހެއްޔެވެ؟ މަރިޔަނބު ހުސޭނާ ސުވާލުކުރިއެވެ. އެ ފިހާރަ ތެރޭގައި ތިބި ދެ ޕާޓޭން ނުދެކެން ހެއްޔެވެ؟ އެތަނުން އެކެއްގެ ޖިންސުގެ ޖީބުގައި ބޮޑު ކަތުރެއް ޖަހާފާ ހުއްޓެވެ. އަނެކެއްގެ އަތުގައި އޮތީ ލަޓިބުރިއެއް ކަހަލަ ދިގު ދަނޑިގަނޑެކެވެ. މަރިޔަނބުގެ ވާހަކަ އަޑުއަހާފައި ހުސޭނު ޗޮކެއް ކަނޑާލިއެވެ. އަދި ބުންޏެވެ. މަރިޔަނބަށް ހަމަ ސާބަހެވެ. އެއީ އެ ފިހާރައިގައި މަސައްކަތްކުރާ ދެ މުވައްޒަފުންނެވެ. އެކަކުގެ ޖީބުގައި އެ އޮތީ ފޮތިކަފާ ކަތުރެވެ. އަނެކަކު އެ ގެންގުޅެނީ މިން އަޅާ ފަތިގަނޑެކެވެ. މަރިޔަނބު ބުންޏެވެ. އެހެނެއް ނުވާނެއެވެ. އެމީހުން ބަލާލުމުންވެސް އެއީ މާރާމާރީ ހިންގަން އުޅޭ ބައެއްކަން އެނގެއެވެ.

ހުސޭނު މަރިޔަނބު އަތުހިފާފައި ބުންޏެވެ. އަލުން ފިހާރައަށް ހިނގާށެވެ. އެހެންނޫނީ މަރިޔަނބު ލޮލަކަށް މިރޭ ނިންޖެއް ނާންނާނެއެވެ. މިހެންކިޔާ މަރިޔަނބު ގޮވައިގެން ގޮސް ފޮތި ބަލަން ވަތް ފިހާރައަށް ވަނެވެ. އޭރު އެއްކަލަ ކަތުރު ޖީބަށް ޖަހައިގެން ހުރި މުވައްޒަފު ހުރީ ވިޔަފާރި ކުރަން އައި މީހަކަށް ފޮތި ކަނޑައިދޭށެވެ. މި މަންޒަރު މަރިޔަނބު އަށް ދެއްކުމުން ފާޑަކަށް އިސްޖަހަލާފައި ހުސޭނުގާތު ބުންޏެވެ. ފޮތި ކަނޑަށް ހިނގާށެވެ. ހުސޭނު ހީލާފައި މަރިޔަނބު ދެއްކި ފޮތިގަނޑު ކެނޑުމަށް ފިހާރައިގެ މަވައްޒަފަކަށް ގޮވާލިއެވެ. ފޮތި ގަނެގެން ފިހާރައިން ނުކުމެ ހުސޭނު މަރިޔަނބާ ދިމާއަށް ބުންޏެވެ. ބިރުންވިޔަސް ވީކަމެއް އަހަރެންގާތު ބުނެލިނަމަ މި ހުރިހާ ހިނގުމެއް ހިނގާކައް ނުޖެހުނީސެއް ނޫންހެއްޔެވެ؟ ކަތުރެއް ހިފައިގެން ނޫނީ ފަތިގަނޑެއް ހިފައިގެން އުޅޭ ކޮންމެ މީހަކީ މާރާމާރީ ހިންގަން އުޅޭ ޕާޓޭ އެއްނޫނެވެ. އެ ތަކެތިން ކުރާ އެހެން ބޭނުންތައްވެސް ހުންނާނެއެވެ.