ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މެއި 6 ގައި ދެވުނު ޓެރަރިސްޓު ހަމަލާ އާ ގުޅިގެން ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯއްދަވަން ޖަރުމަންވިލާތަށް ވަޑައިގެންނެވިފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރައީސް ނަޝީދުގެ ހާލު ބައްލަވަން ފޯނު ކުރައްވާފައި ނުވާކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް ވިދާޅުވެއްޖެއެވެ.

ރޭ ކުރެއްވި ޓުވީޓެއްގައި ހަލީމް ވިދާޅުވީ ރައީސް ރައީސް ނަޝީދުގެ ހާލު ބައްލަވަން ރައީސް ސޯލިހް ފޯނު ނުކުރައްވާތީ ހައިރާންވެއްޖެ ކަމަށާއި ރައީސް ނަޝީދު އެގޮތަށް ވިދާޅުވުމުން ވަރަށް ބޮޑަށް ދެރަވެއްޖެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި އެއްވެސް ޒާތީ މައްސަލައެއް ނެތްކަން ފާހަގަކުރައްވާ ރައީސް ނަޝީދު ދާދި ފަހުން ވިދާޅުވެފައިވަނީ އެމްޑީޕީގެ މެދުގައި މިގޮތަށް ހިޔާލުތަފާތު ވުމަށް ބޭނުންނުވާ ކަމަށެވެ. އަދި އެމަނިކުފާނު ހުންނެވިހާ ހިނދަކު ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދުނު ނުދޭނެކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ މިއީ އެއް ފިކުރެއްގެ މީހުން އެއްގަލަށް އަރަންވީ ވަގުތުކަމަށާއި، އަދި އެއީ ޕީޕީއެމް ކަމުގައިވާނަމަ އެމީހުންނާއެކުވެސް މަސައްކަތްކުރަން ތައްްޔާރަށް ހުންނެވިކަމަށެވެ.