އަފްޣާނިސްތާންގައި ހިނގަމުންދާ ޓެރަރިސްޓް ހަމަލަތަކުގެ މައިގަނޑު މަގްސަދަކީ، ޕާކިސްތާނަށް އަފްޣާނިސްތާންގައި ބޮޑު ހިއްސާއެއް ލިބުމެވެ. އިސްލާމްއާބާދުން ބޭނުން ވަނީ، ޕާކިސްތާނަށް ނުފޫޒު ފޯރުވޭފަދަ ގޮތަކަށް ކާބުލްގައި ތާލިބާނުން ބައިވެރިވާ ސަރުކާރެއް ގާއިމްވެފައި އޮތުމަށެވެ. ތާލިބާނުންނަކީ މާޒީގައި ނިކަން ބަލިކަށިކޮށް ފެނުނު ޓެރަރިސްޓް ޖަމާއަތެކެވެ. ޕާކިސްތާންގެ ވާގިވެރިކަމާއި ނުލައިނަމަ، ކުއްލިއަކަށް މިމީހުން މިހާ ބާރުގަދަ ނުވީސްކަމަށް ޔޫރަޕްގެ ދިރާސާ ހަދާ މަރުކަޒަކުން ބުނެއެވެ.

ނޭޓޯގެ ޑިފެންސް ކޮލެޖުން ޝާއިއުކޮށްފައިވާ ދިރާސާ ކަރުދާހެއްގެ މައުޟޫއަކީ، "ނޭޓޯ ސިފައިން ފައިބައިގެން ދިއުމަށްފަހު، އަފްޣާނިސްތާންގައި ސަރަހައްދީ ބާރުތައް" މިއެވެ.

"އަފްޣާނިސްތާނުން ނޭޓޯ ސިފައިން ފައިބައިގެން ދިއުމަށްފަހު، އަފްޣާން ހަމަނުޖެހުން ބަދަލު ވެގެންދާނީ ނުރައްކާތެރި ސަރަހައްދީ ހަމަނުޖެހުމަކަށެވެ. އަދި އެހެންވެއްޖެ ހާލަތެއްގައި މި ހަމަނުޖެހުން ވެގެންދާނީ ދުރުގައި ތިބެގެން އެހެން ބަޔަކު ކޮންޓްރޯލް ކުރާ ހަނގުރާމައަކަށެވެ. ސަރަހައްދުގެ ބައެއް ފަރާތްތަކުން ދަނީ، ނޭޓޯއާއި އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބައިގެން ދިއުމަށްފަހު ހަނގުރާމަވެރި ޖަމާއަތްތަކަށާއި ބާރުވެރި ފަރާތްތަކަށް ވާގިވެރިވެ އެމީހުން މެދުވެރިކޮށް އަފްޣާނިސްތާންގެ ހާލަތު ކޮންޓްރޯލް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ." ޔޫރަޕިއަން ފައުންޑޭޝަން ފޯ ސައުތު އޭޝިއަން ސްޓަޑީޒް (އީއެފްއެސްއޭއެސް) އިން ތައްޔާރު ކުރި ދިރާސާ ކަރުދާހުގައި ބުންޏެވެ.

"ޕާކިސްތާންގެ މަގްސަދަކީ ތާލިބާން ހިމެނޭ ސަރުކާރެއް ކާބުލްގައި އިންދުމެވެ. އެހެންނަމަވެސް ތާލިބާނުން ވެރިކަން ކުރުމަކީ އިސްލާމްއާބާދުން ރުހޭގޮތެއްވެސް ނޫނެވެ. ޕާކިސްތާނުން ދެކޭ ގޮތުގައި ތާލިބާންގެ ސަރުކާރަކުން ނުވަތަ ތާލިބާންގެ ނުފޫޒު ހިނގާ ސިފައިންގެ ބަޔަކު ޕާކިސްތާންގެ މަސްލަހަތަށް ރިއާޔަތެއް ނުކުރާނެއެވެ." މިކަރުދާހުގައި ބުނެފައި ވެއެވެ.

ނޭޓޯ ޑިފެންސް ކޮލެޖުން ބުނާ ގޮތުން ސަރަހައްދުގައި އިންޑިއާގެ ބާރުވެރިކަމާ ދެކޮޅަށް އެހެން ޖަމާއަތްތައް މެދުވެރިކޮށް ޕްރޮކްސީ ގޮތަކަށް އަސްކަރީ އަމަލުތައް ހިންގުމަކީ ޕާކިސްތާނުން މިއަދާ ހަމައަށް އަމަލުކޮށްފައިވާ ގޮތެވެ. އެކަން އަފްޣާނިސްތާނާއި ކަޝްމީރުން ފެންނާން އެބަހުރިކަމަށް ބުނެއެވެ. 2001ގެ ފަހުން ޕާކިސްތާނުން ތާލިބާނާއި ހައްގާނީ ނެޓްވަރކު މެދުވެރިކޮށް އިންޑިއާއާ ކުރިމަތިލުމަށް މަސައްކަތް ކޮށްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

މި ދިރާސާގައި ފާހަގަކޮށްފައިވާ އެހެން ކަންތައްތަކުގެ ތެރޭގައި ބުނެފައި ވަނީ އަފްޣާނިސްތާނުގައި ސަރުކާރު ފިޔަވައި އެއްވެސް އެހެން ފަރާތަކަށް އިންޑިއާއިން ވާގި ވެރި ވެފައި ނުވާކަމަށެވެ.

އެމެރިކާއިން އަފްޣާނިސްތާނުން ކުއްލިއަކަށް ފައިބައިގެން ދިއުމުގެ ސަބަބުން ތާލިބާނަށް ލިބިފައިވާ ހިތްވަރާއި އެމީހުންގެ އަމަލުތަކަށް އެމެރިކާގެ މުޙައްލިލުން އެމެރިކާ މަސްއޫލު ކުރުވައެވެ.

"އަފްޣާނިސްތާނުން ފައިބައިގެން ގޮސް، އެމެރިކާއަކަށް އެމެރިކާގެ އަޚުލާގީ މަސްއޫލިއްޔަތަކުން ނުރެކެވޭނެއެވެ. ނޭޓޯ ސިފައިން ފައިބައިގެންދިއުމަށްފަހު ތާލިބާނުން ހިންގާ އިންސާނީ ހައްގުތަކާ ދެކޮޅުވެރި އަމަލުތަކަކީ އެކަންކަމުގެ ޒިންމާ އެމެރިކާގެ ބޮލަށް ކަނޑާލެވޭނެ ކަންކަމެވެ." ޖުލައި 21 ގައި ޔުނިވަރސިޓީ އޮފް ވޮޝިންޓަންގެ މިޝޭލް ބްލޭކް ލިޔުއްވި މަޒްމޫނެއްގައި ވިދާޅުވިއެވެ. އޭނާއަކީ ޕަބްލިކް ޕޮލިސީއާއި ސަރުކާރާއި ފިލޯސޮފީގެ ޕްރޮފެސަރއެކެވެ.

އޭނާ ވިދާޅުވަނީ ކުރިމަގުގައި ދެރަގޮތް ދިމާވިޔަ ނުދިނުމަށް އެމެރިކާއިން މިހާރުވެސް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. އަދި އެހެން ފައިލަސޫފެއްކަމުގައިވާ ބްރިއަން އޮރެންޑް ވިދާޅުވަނީ ކުރިމަގުގައިވެސް ހަމަނުޖެހުންތަކުން އެމެރިކާއިން އަތް ދޮވެލާއިރު ވިސްނަން ޖެހޭނީ، "ހަނގުރާމަ ނިމުމަށްފަހު އޮންނާނެ އަދާލަތަކާ މެދު"ގައެވެ. އަދި މިފަދަ ނަޒަރިއްޔާތުޔައް އެމެރިކާއަށް އަމާޒު ކުރެވޭ ގޮތަށް އެނަޒިއްޔާތުތައް ނޭޓޯއަށްވެސް އަމާޒުވާން ޖެހޭނެ ކަމަށް މި ބޭފުޅުން ވިދާޅުވެއެވެ.

މާޒީގައި ފެނިގެން ގޮސްފައި ވަނީ ތާލިބާނާއި ޕާކިސްތާނުން ގުޅުމުން އޭގެ ނޭދެވޭ އަސަރު ނޭޓޯއާއި އެމެރިކާއަށް ފޯތިތަނެވެ. ޓެރަރިސްޓް ހަމަލާތަކުންނެވެ.