ޗައިނާއިން ސޫރިޔާގައި އިންވެސްޓް ކުރަން ނިންމައިފިއެވެ. ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދު ހަތް އަހަރުގެ އައު ދައުރަކަށް ހޮވިވަޑައިގަތުމަށްފަހު ދިމިޝްޤަށް ޒިޔާރަތް ކުރެއްވި އެންމެ ފުރަތަމަ ބޭރުގެ ޢިއްޒަތްތެރިއަކީ ޗައިނާގެ ޚާރިޖީ ވަޒީރު ވެންގ ޔީއެވެ.

ޗައިނާއާއި ސޫރިޔާއިން އެއްބަސްވެފައި ވަނީ ބެލްޓް އެންޑް ރޯޑް ޕްރޮޖެކްޓްގެ ބައެއްގެ ގޮތުގައި ސޫރިޔާގައި ޗައިނާއިން އިންވެސްޓް ކުރާށެވެ.

ސޫރިޔާގެ އަހުލީ ހަނގުރާމައިގައި މިހާތަނަށް ޗައިނާއިން ޝައުގުވެރިކަމެއް ދައްކާފައެއް ނުވެއެވެ. ނަމަވެސް މިހާރު ކުއްލިއަކަށް ޗައިނާއިން ވަނީ ހީނަރުވަމުންދާ ސޫރިޔާގެ އިގްތިސާދު ކޮއްޅަށް ޖެހުމަށް ޝައުގުވެރިވާކަމަށް ބުނެފައެވެ.

ސޫރިޔާގައި އިންވެސްޓްކުރުމަށް ޝައުގުވެރިވެފައި ތިބީ ކުރިން ރަޝިޔާއާއި އީރާނެވެ. މިހާރު ލިސްޓަށް ޗައިނާ އިތުރު ވެގެން ދިޔައީއެވެ. ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދު ވިދާޅުވާ ގޮތުން އެގައުމު އާރާސްތު ކުރެވޭނެ ފަރާތަކީ އޭނާއެވެ.

ބޭރުގެ މުޙައްލިލުން ބުނާ ގޮތުގައި ޗައިނާއިން ސޫރިޔާގައި އިންވެސްޓް ކުރިނަމަވެސް ސޫރިޔާއިން މަންފާއެއް ލިބޭނީ ޒަމާންގަނޑަކަށް ފަހުންނެވެ.

ސޫރިޔާ ބޭނުން ވަނީ އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާށެވެ. ނަމަވެސް އެމެރިކާއާއި އިނގިރޭސިން ބުނެފައި ވަނީ ބައްޝާރު ވެރިކަމުގައި ހުންނެވިހައި ދުވަހަކު، ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅު ދަމަހައްޓާނެ ކަމަށެވެ.