އިންޑިއާއާއި ޗައިނާއިން ސަރަހައްދާ ގުޅޭ އަސްކަރީ މަޝްވަރާތައް ބާއްވަން އެއްބަސްވެއްޖެއެވެ. ޗައިނާއިން ޖުލައި 26 ގައި މަޝްވަރާތައް ބޭއްވުމަށް ހުށަހެޅުމުން އިންޑިއާއިން ބުނެފައި ވަނީ ކަރްގީލް ހަނގުރާމައިގެ ކާމިޔާބީ ފާހަގަ ކުރާ މުނާސަބާކަމުން ޗައިނާއާއެކު މަޝްވަރާއަށް ވަގުތެއް ނެތް ކަމަށެވެ.

އިންޑިއާއާއި ޗައިނާއިން އަސްކަރީ ކޮމާންޑަރުންގެ ފެންވަރުގައި ބާއްވާ މި މަޝްވަރާތަކަކީ މިއީ 12 ވަނަ ބުރަށް ބާއްވާ މަޝްވަރާތަކެވެ.

އިންޑިއާއިން ހުށަހަޅާފައި ވަނީ ލަދާކްގެ ގޯރާއާއި ހޮޓްސްޕްރިންގއާއި ޑެޕްސަންގގައި ދެފަރާތުގެ ފުށުއެރުން ހުރި މައްސަލަތައް ހައްލުކުރުމަށް ވާހަކަ ދެއްކުމަށެވެ. ލަދާކްގައި ޗައިނާއާއި އިންޑިއާއާ ދެމެދު އެއްބަސްވެފައިވާ ބޯޑަރެއް ނޯވެއެވެ. އަދި ގަދަ ފިނީގައި ބިން ގަނޑުވެފައި ހުންނަ އިރު ސަރަހައްދު ފާހަގަ ކޮށްފައި ނުވުމުން ދެފަރާތުން އެއްބަޔަކު އަނެއް ބަޔަކު ބަލަހައްޓާ ސަރަހައްދަށް ވަދެވެސް ހަދައެވެ. ދެފަރާތުގެ މަޝްވަރާތަކުގައި 900 ކިލޯމީޓަރުގެ ސަރަހައްދަކާ މެދު ވާހަކަތައް ދެއްކޭނެއެވެ.

އިންޑިއާއިން ހުށަހަޅާފައި ވަނީ ދެފަރާތް ދެމެދު މައްސަލަ ހުރި ތަންތަން މަޝްވަރާއަށް ގެނަސްގެން ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރާށެވެ. މިދިޔަ އެތައް ބުރެއްގެ ވާހަކަތަކުގައިވެސް ޗައިނާއިން މައްސަލަ ދިގު ދަންމަން ބޭނުންވާ ގޮތަށް ވާހަކަ ދައްކާ ކަމަށް އިންޑިއާއިން ތުހުމަތު ކުރެއެވެ. އަނެއްކޮޅުން ޗައިނާއިން އެއްވެސް ވަރެއްގެ ދުލެއް ދޭކަށް ބޭނުމެއް ނުވެއެވެ.

އިނގިރޭސިން އިންޑިއާއަށް އިސްތިއުމާރު ކުރުމުގެ ކުރިންވެސް ލަދާކުން ޗައިނާގެ މުސްލިމު ޝިންޖިއާ ން ސަރަހައްދަށް ވަދެވެއެވެ. އަދި ޝިންޖިއާން ހުރަސްކޮށް ސެންޓްރަލް އޭޝިއާއަށް ދަތުރު ކުރެވެއެވެ.

މި ސަރަހައްދުގެ މުހިންމު ކަން އިޙުސާސް ނުކުރެވުމުން އިނގިރޭސިންވެސް މި ސަރަހައްދާ ބެހިފައެއް ނުވެއެވެ. އަދި ކޮމިއުނިސްޓް ޕާޓީ ވެރިކަމަށް އައިސްގެން އެތައް ޒަމާނެއް ވަންދެން އެ ޕާޓީންވެސް މިހިސާބުގަނޑާ އަޅާލައިފައެއް ނުވެއެވެ.