ކުރިއަށް އޮތް ދިހަ އަހަރު ދުވަހަށް އިންޑިއާއާއި އިނގިރޭސިވިލާތުން ދެ ފަރާތުގެ މަސްލަހަތު ކުރިއަށް ނެރުމަށް ގެންގުޅޭ އެޖެންޑާ 2030ގެ މަޝްވަރާތަކަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ޔޫކޭއަށް ޒިޔާރަތެއް ފަށްޓަވައިފިއެވެ.

ހަރްޝްވަރްދަން ޝްރިންގްލާ ލަންޑަނަށް ކުރައްވާ ދަތުރުފުޅުގައި ވިޔަފާރިއާއި އިންވެސްޓްމެންޓާއި ޓެކްނޮލޮޖީއާއި ސިއްޙަތާ ބެހޭ ދާއިރާތަކުން ދެ ގައުމުން ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރައްވާނެއެވެ. އަދި އަފްޣާނިސްތާންގައި ބަދަލުވަމުންދާ ޙާލަތާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރައްވާނެއެވެ.

އިންޑިއާއިން ވަނީ ޔޫކޭގެ ގުޅުމާ ބެހޭ ގޮތުން ދިހަ އަހަރު ދުވަހުގެ ރޯޑްމެޕެއް އެކުލަވާލާފައެވެ. މި ރޯޑްމެޕަކީ، އިންޑިއާގެ ބޮޑު ވަޒިރާއި ޔޫކޭގެ ބޮޑުވަޒީރާ ދެމެދު މިއަހަރުގެ ތެރޭގައި ބާއްވާފައިވާ މަޖާޒީ ބައްދަލުވުމަށްފަހު ދެ ގައުމުން މަޝްވަރާކޮށްގެން އެކުލަވާލާފައިވާ މަގުޗާޓެކެވެ.

ވިލާތު އިއްތިހާދުން ވަކި ވުމަށްފަހު އިނގިރޭސިވިލާތުން ދަނީ ވަކި ވަކި ގައުމުތަކާއެކު ވިޔަފާރިކުރިއަށް ނެރުމަށްޓަކައި ވަކިވަކިން މަޝްވަރާތައް ބާއްވަމުންނެވެ. އެގޮތުން އިންޑިއާއާއި ޖަޕާނަކީ ޔޫކޭއިން ސަމާލުކަންދޭ ދެ ގައުމެވެ.

ޝްރިންގްލާގެ މަޝްވަރާތަކުގައި އިންޑިއާއިން ގެންގުޅޭ އިންޑޯ ޕެސިފިކް ސިޔާސަތާއި އިންޑިއާގެ ސަލާމަތީ ނަޒަރިއްޔާތުތައްވެސް އިނގިރޭސި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރާނެއެވެ.

ދާދިފަހުން އިންޑިއާއާއި އިނގިރޭސިވިލާތުން ވަނީ ތިން ދުވަހުގެ ކަނޑުމަތީގެ އަސްކަރީ ތަމްރީންތައް ބޭ އޮފް ބެންގޯލްގައި ބާއްވާފައެވެ. މި ތަމްރީންތަކުގައި އިނގިރޭސިވިލާތުގެ 65 ހާސް ޓަނުގެ އެންމެ ބޮޑު މަތިންދާބޯޓް އުފުލާ މަނަވަރު ކުއީން އެލިޒަބަތު ބައިވިރިވިއެވެ.