ސައިފަތާ ބެހޭ ގޮތުން ވިލާތު އިއްތިޙާދުންނާއި ރަޝިޔާއިން ނުބައި ގޮތަކަށް ގިންތި ކުރުމުން ސައިފަތް އެކްސްޕޯޓް ކުރާ ގައުމުތަކަށް އުނދަގުލާ ކުރިމަތިލާން ޖެހިއްޖެއެވެ. އިންޑިއާއިން ވަނީ މި ދެފަރާތުގެ ނިންމުމަށް ގޮންޖަހަމުން ސައިންސްގެ އަސާސްތަކަށް އެ ނިންމުންތައް ބިނާކޮށްފައިވާނަމަ އެ ހަމަތައް ބަޔާންކޮށް ދިނުމަށް ވިލާތު އިއްތިހާދަށް އަންގާފައެވެ. ސައިފަތް ބޭރުކުރާ ގައުމުތައް ކަމަށްވާ އިންޑިއާއާއި ޕެރަގުއޭއާއި ކޮލޮމްބިއާއާއި ބްރަޒިލާއި އިކުއެޑޯއާއި ކެންޔާގެ ސައިފަތް ބޭރުކުރުމަށް ދިމާވެފައިވާ މައްސަލައަކީ، ސައިފަތުގައި ގުދުރަތީ ގޮތުން އުފެދޭ ކުލަޖައްސާ މާއްދާ، އެއީ ފަނިފަކުސަ މަރާ ބޭހެއްގެ ބާވަތެއް ކަމަށް ވިލާތު އިއްތިޙާދުން ގިންތި ކުރުމުންނެވެ.
އިންޑިއާއިން ބުނާ ގޮތުން އެންތުރަކުއިނޮން ކިޔާ މި މާއްދާއަކީ ސައިފަތުގައި ހިމެނޭ ކުލަޖައްސާ މާއްދާއެކެވެ. އަދި މިއީ ތޮބީއީ ގޮތުން ސައިފަތް ގަހަށް އިރުގެ އަލިކަން ލިބުމުން އުފެދޭ މާއްދާއެއްކަން، ޔޫރަޕްގެ ޖަމާއަތުގެ އެކި އެކި އަމިއްލަ ލެބްތަކުން ހެދި ޓެސްޓްތަކުން ސާބިތުވާ ކަމަށެވެ. ނަމަވެސް މިއީ ފަނިފަކުސަމަރާ ބޭހެއް ކަމަށް ޔޫރަޕްގެ ޖަމާއަތުން ގިންތިކުރުމުން އިންޑިއާއިން ބުނެފައި ވަނީ މި ނަތީޖާއަށް ވަސީލުވުމަށް ކުރި ދިރާސާއަކާއި މިނިންމުން ބިނާ ކުރި އިލްމީ އަސާސް ޔޫރަޕްގެ ޖަމާއަތުން ސާފު ކޮށް ކިޔައި ދޭން ވާނެ ކަމަށެވެ. ޔޫރަޕްގެ ޖަމާއަތުން ބުނަނީ މި މާއްދާ ސައިފަތުގައި ހުންނަން ޖެހޭނީ ކޮންމެ ސައިފަތް ކިލޯއަކަށް 0.02 މިލިގްރާމްގެ ނިސްބަތުންނެވެ.
ނިމިދިޔަ މާލީ އަހަރު އިންޑިއާއިން ޔޫރަޕަށް ސައިފަތް އެކްސްޕޯޓް ކޮށްފައިވާ ނިސްބަތް ވަނީ ކުރީ އަހަރަށް ވުރެން ދަށްވެފައެވެ. ކުރިން 101 މިލިއަން ޑޮލަރަށް ވުރެން ގިނަ އަދަދެއްގެ ސައިފަތް އެކްސްޕޯޓް ކުރާއިރު، އެންމެ ފަހުން އިންޑިއާއިން ޔޫރަޕަށް އެކްސްޕޯޓް ކުރީ 99 މިލިއަން ޑޮލަރުގެ ސައިފަތެވެ.
ޔޫރަޕްގެ އިތުރުން ސައިފަތް އެކްސްޕޯޓް ކުރާ ގައުމުތަކަށް ރަޝިޔާއިންވެސް މައްސަލަ ކުރިމަތިވެފައި ވެއެވެ. ރަޝިޔާއިން ސައިފަތް ގިންތިކޮށްފައިވަނީ މޭވާއާއި ތަރުކާރީގެ ގިންތީގައެވެ. މާނައަކީ ފޫޖަހާފާނެފަދަ ބާވަތެއްގެ ގޮތުގައެވެ.
އިންޑިއާއިން ވަނީ މިމައްސަލަވެސް ރަޝިޔާއާއެކު ބަހުސްކުރަން ފަށާފައެވެ. އިންޑިއާއިން ބުނަނީ މޭވާއަކީ ހުރި ގޮތަށް ކެވޭ އެއްޗެކެވެ. ސައިފަތަކީ އެއަށް ބަދަލުތަކެއް ގެނައުމަށްފަހު ހޫނުފެނަށް އެޅުމަށްފަހު އޭގެ ބޭނުން ކުރެވޭ ބިއުމެއް ކަމުގައެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ސައިފަތް މޭވާއާއި ތަރުކާރީއާ އެއްގޮތަކަށް ގިންތި ނުކުރެވޭތީ ރަޝިޔާއިން މިމައްސަލާގައި ފުންކޮށް ވިސްނުމަށް އިންޑިއާއިން ވަނީ އެދިފައެވެ.