މާލީ ގޮތުން ހާލުގައި ޖެހިފައިވާ އިންޑިއާގެ މޮބައިލް ކުންފުނި އައިޑިއާ ވޮޑާފޯންއިން ބޭރުގެ އިންވެސްޓަރެއް ހޯދުމަށް މަސައްކަތް ކުރުމުގެ ހުއްދަ އިންޑިއާ ސަރުކާރުން އެ ކުންފުންޏަށް ދީފިއެވެ.

އައިޑިއާ ވޯޑާފޯންގެ ދަރަނިތައް އިތުރުވެ އިންޑިއާގެ ޓެލެކޮމް އޮތޯރިޓީއަށް ދައްކަން ޖެހޭ ސްޕެކްޓަރަމް ފީވެސް އެކުންފުނިން ނުދައްކާތާ އެތައް ދުވަހެއް ވެއްޖެއެވެ. މީގެ އިތުރުން ވޯޑާފޯނާއި އިންޑިއާގެ ވާރު ނަގާ އިދާރާއާ ދެމެދު ވާރާ މެދު ދެބަސްވުން އުފެދުމުގެ ސަބަބުން އެކަންވެސް ހައްލު ނުކުރެވި ދިގުލައިގެން ދެއެވެ.

ވޮޑާފޯނުން އައިޑިއާ ކުންފުނީގެ ޙިއްސާ ގަތުމުގެ ކުރިން، އެކުންފުނިން ވަނީ ހަޗިންސަން އީސާރް ކުންފުނީގެ ހިއްސާ 2007 ގައި 11 ބިލިއަން ޑޮލަރަށް ގަނެފައެވެ. މި މުއާމަލާތާ މެދު އުފެދުނު ވާރާ ބެހޭ ދެބަސްވުން ޙައްލު ނުކުރެވުމުން ވޮޑާފޯނުން ވަނީ ނެދަރލެންޑްސްގެ ދަ ހޭގްގައި އިންޑިއާ ސަރުކާރާ ދެކޮޅަށް ދއުވާއެއްވެސް ކޮށްފައެވެ. މި ދައުވާ ބިނާ ކޮށްފައިވަނީ އިންޑިއާއާއި ނެދަރލެންޑާ ދެމެދު ވެފައިވާ ވިޔަފާރި އެއްބަސްވުންތަކާ ޚިލާފަށް ނެދަރލެންޑްގެ ވޯޑާފޯނާ ދެކޮޅަށް ވާރު ފަށްކޮށް ނެގުމަށް އިންޑިއާއިން މަސައްކަތް ކުރަނީ ކަމަށް ބުނެއެވެ. މީގައި ކުރި ލިބުނީ ވޯޑާފޯނަށެވެ.

އިންޑިއާގެ މުވާސަލާތީ ދާއިރާއަކީ ވާދަވެރި ގޮތަކަށް އެތައް ކުންފުންޏަކުން އަގުތައް ކަނޑައަޅަމުންދާ ނަފާ ބޮޑު ވިޔަފާރިއެކެވެ.