އިންޑިއާ ސަރުކާރުގެ ބޮޑު ހިއްސާއެއް އޮންނަ ތެލާއި ގޭހުގެ ވިޔަފާރި ކުރާ ކުންފުނި، ޝައުގުވެރިވާ ބޭރުގެ ފަރާތްތަކަށް ސަރުކާރުގެ ހިއްސާއެއްކޮށް ވިއްކުމަށް ސަރުކާރުން ނިންމައިފިއެވެ. ބާރަތު ޕެޓްރޯލިއަމް އެންޑް ގޭސްއަކީ، އިންޑިއާ ސަރުކާރުގެ 52.98 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ. ސަރުކާރުން މިހާރު ނިންމާފައިވަނީ ބޭރުގެ ފަރާތަކުން ސައްތައިން ސައްތަ މިކުންފުންޏަށް އިންވެސްޓް ކުރަން ބޭނުންނަމަ އެފަރާތަކަށް ސަރުކާރުގެ ޙިއްސާ ގަނެވިދާނެ ކަމަށެވެ.

އިންޑިއާގައި ތެޔޮ ސާފުކުރުމުގެ މަސައްކަތަށް ސައްތައިންސައްތަ ބިދޭސި ކުންފުނިތަކަށް އިންވެސްޓް ކުރެވޭގޮތަށް ދޮރުހުޅުވާލި އިރު ބުނެފައިވަނީ ސައްތައިންސައްތަ ބޭރު ބަޔަކަށް އެފަދަ ވިޔަފާރިއެއްގައި ބައިވެރިވެވޭނީ ސަރުކާރުން އެކަމަށް ހުޅުވާލައި ހުއްދަ ދޭ ކުންފުނިތަކުގައި އެކަނި ކަމަށެވެ. މާނައަކީ، މިވަގުތު އަދި ތެޔޮ ސާފުކުރާ އަދި ގޭސްނަގާ ކުންފުންޏެއްގައި ބޭރު ބަޔަކަށް އިންވެސްޓް ކުރުމަށް ހުއްދަ އޮތީ ބާރަތު ޕެޓްރޯލިއަމްގައި އެކަންޏެވެ.

އިންޑިއާއިން އިގްތިސާދު މިނިވަން ކުރިތާ މިއަދަށް 30 އަހަރު ވީއެވެ. އެއިރު އެކަން ކުރެއްވި މޭސްތިރިއަކީ ޑރ. މަންމޯހަން ސިންގއެވެ.