ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާ ރޭވުމުގައި އިސްކޮށް ތިބި މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ހަމީދު ވިދާޅުވީ ނަޝީދުގެ ފުރާނަ ނަގާލުމަށް 2019 ވަނަ އަހަރުން ފެށިގެން ތައްޔާރުވަމުން އައިސް 2020 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އަމަލީ މަސައްކަތް ފެށި ކަމަށެވެ. އަދި މޭ މަހުގެ ހަވަނަ ދުވަހުގެރޭ ދިން ހަމަލާ އަކީ އެފަދަ ހަމަލާއެއް ރޭވި ތިންވަނަ ފަހަރު ކަމަށް ސީޕީ ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ ރައީސް މުހައްމަދު ނަޝީދަށް ހަމަލާދީ އަވަހާރަކޮށްލަން ޖެހޭ ކަމަށް މިވަގުތު ހައްޔަރުކޮށްފައިވާ މީހުންނަށް ވިސްނައިދީ ނަސޭހަތްދިން ކަމަށް ތަހުގީގަށް ފާހަގަކުރެވުނު އެންމެ އިސް އެކަކު މިއަދު އައްޑޫ ސިޓީން ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާއަކީ ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްމީން އެވެ.

ސީޕީ ވިދާޅުވީ އޭނާ އަކީ 2017 ވަނަ އަހަރު މާލޭގައި ހިންގަމުން އައި އަމިއްލަ ކުންފުންޏެއް ކަމަށްވާ އެޓިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޑެޓްގެ އޮފީސްތެރޭގައި ބޮމެއް ހެދުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުން ދަނިކޮށް 2017 ވަނަ އަހަރުގެ އޭޕްރީލް 24 ވަނަ ދުވަހު ހައްޔަރުކުރެވި ތަހުގީގުކޮށް އޭނާގެ މައްސަލަ ޝަރީއަތަށް ހުށައަޅާފައިވަނިކޮށް 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތަރުވަނަ ދުވަހު ބަންދުން ދޫކޮށްފައިވާ މީހެއް ކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް، އެމަނިކުފާނުގެ ގެކޮޅު ކައިރީގައި އެއްޗެއް ގޮއްވާލާފައިވަނީ މޭ މަހުގެ 6 ވަނަ ދުވަހުފެ ރޭ 8:20 ހާއިރު އެވެ. މި ހަމަލާ އެމަނިކުފާނަށް ދީފައިވަނީ، ގެއިން ނިކުންނަވާ، ކާރުކޮޅަށް އަރައިވަޑައިގަތުމަށް ދަނިކޮށް އެސަރަހައްދުގައި ޕާކް ކޮށްފައި ހުރި ސައިކަލެއްގައިގޮވުމެއް ގޮއްވާލައިގެންނެވެ.

މި ހަމަލާއާއި ގުޅިގެން ހައްޔަރުކުރެވުނު މީހުންގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އެދި ފުލުހުން ވަނީ ޕީޖީ އޮފީހަށް ހުށައަޅާފައެވެ.