ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަންޑޫ ކުރި ބަޔަކު ނެތް ކަން ދައްކަން ފުލުހުން އުޅުމުން އެ ކަމާ މެދު ސުވާލު އުފެދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ތަހުގީގުގެ އެންމެ އިސް އޮފިސަރެއްގެ ގޮތުގައި ހުންނެވި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވި ގޮތުގައި، މި ހަމަލާ ދިނުމުގައި ބައިވެރިވި މީހުނަށް މީހަކު ނުވަތަ ބަޔަކު ފައިސާގެ އިނާމެއް ހުށަހެޅިކަން ގަބޫލު ކުރެވޭ ވަރުގެ ހެއްކެއް އަދި ފެނިފައެއް ނުވާ ކަމަށެވެ.

އެކަމާ ގުޅިގެން ވައްޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްވެސް ވަޒީފާއެއް އަދާނުކުރާ ބަޔަކު ވެހިކަލް ގަނެ، ގެސްޓްހައުސް/އެޕާޓްމެންޓްތައް ހިފައި، އެތައް ދުވަހެއް ވަންދެން އެތައް ރޭވުމެއް ރޭވުމުގައި ދެމިތިބިކަން ތަހުގީގަށް އެނގޭއިރު، މިކަމަށް ފަންޑުކުރި ބަޔަކު ނެތްކަން ދައްކަން ވާހަކަ ދެއްކުމުން ސުވާލު އުފެދޭ ކަމަށެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާޒު ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާދޭން އައިއީޑީ ހަރުކޮށް ގޮއްވާލި ސައިކަލަކީ 2019 ވަނަ އަހަރު 18،000ރ. އަށް ގަތް ސައިކަލެއް ކަމަށެވެ. ހުޅުމާލެ ގަރާޖަކުން ހަމަލާއަށް ސައިކަލު ތައްޔާރުކުރުމުގެ ގޮތުން ސާވިސް ކުރި އެވެ. ބޮން ހެދުމަށް ވަކި އެޕާޓްމެންޓެއް ކުއްޔަށް ހިފާފައި ހުރި ކަމަށާއި އެކަމަށް ވެސް ފައިސާ ހަރަދުކޮށްފައިވާ ކަމަށެވެ.