ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ސުވާލުކުރުމަށް އެޖެންޑާކޮށްފި އެވެ.

ހޯމް މިނިސްޓަރާއި ސުވާލުކުރައްވަނީ މަކުނުދޫ ދާއިރާގެ މެމްބަރ މުހައްމަދު ރާއީއެވެ.

ރާއީ މިނިސްޓަރާއި ސުވާލުކުރައްވަނީ 2020 ވަނަ އަހަރުގެ ބަޖެޓުގައި ނޭކުރެންދޫ ޖަލުގެ ފުރަތަމަ ފޭސްކުރިއަށް ގެންދިއުމަށް 174،000 މިލިއަން ރުފިޔާ ޖަހާފައިވާއިރު ޖަލުގެ އަމަލީ މަސައްކަތް ފެށޭނީ މިއަހަރުގެ ކޮން ތާރީޚެއްގައިތޯ އާއި އެކަމާ ގުޅުންހުރި ސުވާލުތަކެވެ.

ބުދަ ދުވަހުގެ ޖަލްސާއަށް ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ޚިދުމަތްތަކުގެ ބިލްގެ ބަހުސް ކުރިއަށް ގެންދިއުމަށް ވެސް ވަނީ އެޖެންޑާ ކޮށްފައެވެ.

މީގެއިތުރުން ތައުލީމުގެ ބިލް ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް ހުށަހެޅުމަށްވެސް ވަނީ އެޖެންޑާކޮށްފައެވެ.