ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އުފައްދަވާ ސިޔާސީ ޕާޓީގެ ލޯގޯ ދައްކާލައިފި އެވެ.
މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ނަމުގައި އުފައްދާ މި ޕާޓީގެ ލޯގޯގައި މައިގަނޑު ގޮތެއްގައި ހުރީ ގަދަ ނޫކުލަ އެވެ. އަދި ލޯގޯގެ މެދުގައި ބޮޑު ހަނދުފަޅިއަކާއި ތިން ތަރި ހުރި އިރު، ރުކަކާ ވައްތަރު ކުރެހުމެއްވެސް އެ ލޯގޯ ގައި ހުއްޓެވެ.
ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމުގެ މަސްއޫލުވެރިކަމުގައި އުފައްދާ މޯލްޑިވްސް ނޭޝަނަލް ޕާޓީ އުފައްދަވަނީ ރައްޔިތުންގެ މަޖިލިހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާރނަލް ރިޓެއަރޑް މުހައްމަދު ނާޒިމް އިސްވެ ހުންނަވައިގެން ނެވެ.
އެ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނީ ވެސް އުޝާމްއަށެވެ.
ނާޒިމްގެ އިތުރުން އެ ޕާޓީ އުފެއްދެވުމުގައި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވެސް އުޅުއްވާ ކަމަށް ވަނީ އަޑުތައް ފެތުރިފަ އެވެ.
ނާޒިމް އާއި ރިޔާޒު މިހާރުވަނީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.
މޯލްޑިވްސް ނޭޝަނަލް ޕާޓީގެ މަސްއޫލުވެރިޔާ އުޝާމް ކުރިންވިދާޅުވެފައިވަނީ މި ޕާޓީއަކީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު ވެސް ހިމެނި ވަޑައިގަންނަވާ ގޮތަށް އުފައްދަން މަސައްކަތްކުރާ ޕާޓީއެއް ކަމަށެވެ.
އެގޮތަށް އޭނާ ވިދާޅުވެފައިވާ އިރު، މޮސްޓާ އާއި ޖޭފޯ މިހާރުވަނީ އެ ޕާޓީ އަށް ސޮއި ކޮށްފަ އެވެ.
އިލެކްޝަންސް ކޮމިޝަންގައި ޕާޓީ ރަޖިސްޓްރީ ކޮށްދޭނީ 3،000 މީހުންގެ ސޮއި ހުށަހެޅުމުން ނެވެ.
ޕާޓީ އުފައްދަން މެމްބަރު އުޝާމަށް ދިން ހުއްދަ އާއެކު މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި އެ ޕާޓީއާ ގުޅޭ 3،000 މީހުންގެ ނަމާއި ސޮއި އެ ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ އެވެ.