ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މާދަމާ ގައުމާ މުޚާތަބު ކުރައްވާގޮތަށް ހަމަޖެހިއްޖެ އެވެ.
ހޯމް މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ 56 ވަނަ މިނިވަން ދުވަހުގެ މުނާސަބާގައި ރައީސް ޤައުމާއި މުޚާތަބް ކުރެއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:00 ގައި ކަމަށެވެ.
މީގެ އިތުރުން މި ދުވަހުގެ މުނާސަބަތުގައި ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތު ރާއްޖޭގެ ހުރިހާ ރަށެއްގައި މާދަމާ ހެނދުނު 5:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
ހޯމް މިނިސްޓްރީން ބުނީ ރަސްމީކޮށް ދިދަނެގުމުގެ ރަސްމިއްޔާތު އޮންނާނީ މާލޭގެ ޖުމްހޫރީ މައިދާނުގައި ކަމަށާއި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙާއި ދަޢުލަތުގެ އިސްވެރިން ބައިވެރިވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ދިދަނެގުމުގެ ރަސްމިއްޔާތުގައި ޚާއްސަ ދުޢާއެއްކުރުން ވެސް އޮންނާނެ ކަމަށެވެ.
ރަށްރަށުގައި ބާއްވާ ދިދަނެގުމުގެ ރަސްމިއްޔާތުގައި އެ ރަށެއްގެ ސަރުކާރުގެ އޮފީސްތަކާއި އާއްމުންނަށްވެސް ބައިވެރިވެވޭނެ ކަމަށް ވެސް ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.
މިނިވަން ދުވަސް އެހެން އަހަރުތަކުގައި ކުލަގަދަކޮށް ފާހަގަކުރިނަމަވެސް، މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް އިތުރު ހަރަކާތްތައް ނުބޭއްވުމަށް ހޯމް މިނިސްޓްރީންވަނީ ނިންމަވާފަ އެވެ. މިގޮތަށް ނިންމަވާފައިވަނީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.
ކޮވިޑް-19 ނެތް ރަށްތަކުގައި ރަށު ފެންވަރުގައި ހަރަކާތްތައް ކުރިއަށްގެންދެވޭނެކަމަށާއި އެހެންނަމަވެސް ރަސްމީ އެއްވެސް ހަރަކާތެއް މިއަހަރު ކުރިއަށްނުދާނެ ކަމަށް ވެސް ހޯމް މިނިސްޓްރީން ބުނެ އެވެ.
ކޮންމެ އަހަރެއްގެ ޖުލައިމަހުގެ 26 ވަނަ ދުވަސް ފާހަގަކުރަނީ އިނގިރޭސީންގެ އަތްދަށުން ދިވެހި ޤައުމަށް މިނިވަންކަން ލިބުނު ދުވަހުގެ އުފާވެރި މުނާސަބަތުގަ އެވެ.
އިނގިރޭސީންގެ އަތްދަށުން ރާއްޖެއަށް މިނިވަންކަން ލިބުނީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހު އެވެ.