އެމެރިކާގެ އެފް22 މަރުކާގެ ދެ ޑަޒަނެއްހާ ބޯޓްތައް ޕެސިފިކް ސަރަހައްދަށް ފޮނުވުމަށް ނިންމައިފިކަން މިއަދު އިޢުލާން ކޮށްފިއެވެ. އެފް22 މަރުކާގެ ބޯޓްތަކަކީ ރޭޑާއަށް ނާރާ ވައްތަރުގެ ބޯޓްތަކެވެ.
ހަވާއީގައި ހުންނަ އެމެރިކާގެ ޕެސިފިކް ކޮމާންޑުން ބުނެފައި ވަނީ މިހާ ގިނަ އަދަދެއްގެ އެފް22ގެ ބޯޓުތައް އެގައުމުން ޕެސިފިކް ސަރަހައްދުގައި މީގެ ކުރިން ބަހައްޓާފައި ނުވާ ކަމަށެވެ.
ދެކުނު ޗައިނާ ކަނޑިގެ މައްސަލާގައި މި މަހުގައި އެމެރިކާއިން ތަކުރާރުކޮށް ބުނެފައި ވަނީ ދުނިޔޭގެ ކަނޑުތަކާ ބެހޭ ޓްރައިބިއުނަލުން ފިލިޕީންސާ އެއްކޮޅަށް ނިންމާފައިވާ ނިންމުމަށް އެމެރިކާއިން ތާއީދު ކުރާ ކަމަށެވެ.
އެމެރިކާއިން މި މަހުގެ ތެރޭގައި ޕެސިފިކު ކަނޑުގެ ސަރަހައްދަށް މި ބޯޓްތައް ފޮނުވަން ނިންމާފައި ވަނީ ޗައިނާއަށް ވަރުގަދަ މެސެޖެއް ދިނުމަށް ކަމަށް އެމެރިކާއިން ބުންޏެވެ.
މި ބޯޓްތައް ދެކުނު ޗައިނާ ކަނޑުގައި އަސްކަރީ ތަމްރީންތައް ބާއްވާނެއެވެ.
އެމެރިކާގެ އަސްކަރިއްޔާގައި އެފް22ގެ 180އެއްހައި ބޯޓް އޮވެއެވެ. މިބޯޓުތަކުގެ ތެރޭން އަސްކަރީ ބޭނުމަށް ބޭނުން ކުރެވެނީ ދެބައިކުޅަ އެއްބައި ބޯޓުތަކެވެ. އެހެން ބޯޓުތަކަކީ މަރާމާތުގައި އުޅޭ އުޅަނދުތަކެވެ.
ޗައިނާއަކީވެސް ވައިގެ ދިފާއުގައި ދެރަ ގައުމެއް ނޫނެވެ. އެމެރިކާއިން ބުނާ ގޮތުގައި ޗައިނާއިން ފަސް ވަނަ ޖީލުގެ ކުރިއަރާފައިވާ މަތިންދާ ބޯޓުތައް ގެންގުޅެއެވެ. މި ޖީލުގެ ވިއްސާއި 24އާ ދެމެދުގެ އަދަދެއްގެ މަތިންދާބޯޓު ޗައިނާއިން އުފައްދައި ބޭނުން ކުރަން ފަށާފައި ވެއެވެ.