ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ކޮވިޑް ވެކްސިން ޖެހުމުގެ ބޮޑު ޕްރޮގްރާމެއް އަންނަ ހަފުތާގައި ފަށާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިއުލާނު ކުރައްވައިފިއެވެ.

ރައީސް ސޯލިހު މިކަން ހާމަކުރެއްވީ ރާއްޖޭގެ މިނިވަންކަމަށް 56 އަހަރު ފުރުމުގެ މުނާސަބާގައި ގައުމާއި މުޚާތަބު ކުރައްވާ ދެއްވި ޚިތާބުގައެވެ.

އެގޮތުނަ ރައީސް ސޯލިހު ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން، ރާއްޖޭގައި ވެކްސިން ޖަހާ އުމުރުގެ 90 އިންސައްތަ އަށް ވެކްސިން ޖެހުމަކީ ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒު ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ތެރެއިން، އެ އެންމެންނަށް ވެކްސިން ޖަހާ ނިންމާލެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ޕްރޮގްރާމްގެ ތެރެއިން، ރާއްޖޭގެ އެންމެންނަށް ވެކްސިން ޖަހައި ނިންމުމަކީ ސަރުކާރުގެ އަމާޒުކަމަށާއި، މިއީ ދުނިޔޭގެ މަދު ގައުމަކަށް ނޫނީ މިވަގުތު ލިބިފައި ނެތް، ވަރަށް މަތިވެރި ނަސީބެއް ކަމަށެވެ.

ރާއްޖޭގައި މިހާރު ވެކްސިން ނުޖަހައި ތިބި އެންމެންނަށް ދެ ޑޯޒް ފުރިހަމަކުރެވޭ ވަރަށް، ރާއްޖެއަށް މިހާރު ވެކްސިން ގެނެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.