ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) މުވައްޒަފުންގެ ބައެއް އިނާޔަތްތައް ހިފަހައްޓައިފި އެވެ.

މިގޮތަށް ޢަމަލުކުރީ މާލީ ހާލަތު ދަށްވުމުގެ ސަބަބުން ކަމަށް ޕީއެސްއެމްގެ އެޗްއާރް ޑިޕާޓްމެންޓުން މުވައްޒަފުންނަށް މިއަދު ހަވީރު ފޮނުވި އިންޓަރނަލް މެމޯއެއްގައި ވަނީ ބުނެފަ އެވެ.

އެ މެމޯ ގައި ބުނެފައިވަނީ މާލީ ހާލަތު ހުރި ގޮތުން މުވައްޒަފުންނަށް މުސާރަ ދިނުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އެހެންވެ ޓެކްނިކަލް ކޯ އެލަވަންސާއި ސަޕޯޓް އެލަވަން މި މަހުގެ މުސާރައިން ވަގުތީ ގޮތުން އުނިކޮށްފައިވާ ކަމަށެވެ.

އެ މެމޯގައި އިތުރަށް ބުނެފައިވަނީ އުނި ކުރި އިނާޔަތްތައް އަންނަ މަހުގެ 15 ގެ ކުރިން ލިބޭނެ ކަމަށް ފިނޭންސް ޑިޕާޓްމެންޓުން ބުނެފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރު އަލީ ޚާލިދާ ހަވާލާދީ ރާއްޖޭގެ ބައެއް އޮންލައިންތަކުގައި ވަނީ މާލީ ހާލަތު ހުރި ގޮތުން ބައެއް އިނާޔަތްތައް މިމަހުގެ މުސާރައާއެކު ނުދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތަށް ދިމާވީ ބަޖެޓް ކުރި ވަރަށް ވުރެ ޕޭރޯލް ބޮޑުވުމުން ކަމަށާއި އެހެންނަމަވެސް އެ އިނާޔަތްތައް އަންނަ މަހު ލިބޭނެ އަލީ ޚާލިދާ ހަވާލާދީ ބުނެފައި ވެއެވެ.

މިދިޔަ މަހުގެ މުސާރައިން ވެސް ބައެއް އިނާޔަތްތައް އުނިކޮށްފައިވާކަމަށް މަޢުލޫމާތު ލިބިފައިވާ އިރު، އެ އިނާޔަތްތައް ދީފައިވަނީ މިމަހު އެވެ.

ނަމަވެސް ދީފައިވަނީ ދޭން ބުނި މުއްދަތަށްވުރެ ފަހުންކަމަށް ވަނީ މަޢުލޫމާތު ލިބިފަ އެވެ.

ޕީއެސްއެމްގައި 400 އަށްވުރެ ގިނަ މުވައްޒަފުން އުޅޭކަމަށް ވަނީ އެނގިފަ އެވެ. އަދި އާންމު ގޮތެއްގައި މަހެއްގެ މައްޗަށް މުސާރަ ހަ މިލިއަން ރުފިޔާއާ ގާތް ކުރާ އަދަދަކަށް އަރައެވެ. އަދި ޖުލައި މަހުގެ މުސާރަ ހަ މިލިއަނަށްވުރެ ވެސް މައްޗަށް އަރާފައިވާ ކަމަށް އެނގިފައިވެއެވެ.