ރާއްޖެ ހިމެނޭ ސަރަޙައްދުގައި ލޯ ޕްރެޝަރ ޓްރަފެއް އުފެދިފައިވާ ކަމަށާއި މެދުރާއްޖެތެރެއާއި ދެކުނުގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށް މެޓް އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ. އަދި މިއަދުވެސް ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވުން އެކަށީގެންވާ ކަަމަށެވެ. އަދި އުތުރުގެ އެކިހިސާބަށް ކެރީގެ އަސަރުފޯރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާކަމަށް ވެސް ވަނީ ބުނެފަ އެވެ.

ކުރިއަށްއޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ. އަދި ދެކުނުގެ އަތޮޅުތަކުގައި ވައި އެނބުރި އާއްމުކޮށް މަޑުން، ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށާއި ރާއްޖޭގެ ކަނޑުތައް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައި ވެއެވެ. ޚާއްސަކޮށް މެދުރާއްޖެތެރޭގައި ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއްދެއްވުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.