ކޮވިޑުގައި ރާއްޖެއިން މަރުވި 80 އިންސައްތައަކީ ވެކްސިން ނުޖަހާ މީހުން ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

ފާއިތުވީ ދުވަސްތަކުގައި ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ވަރަށް ދަށަށް ދިޔަކަން ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވަނީ ފާހަގަ ކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ ބަލި ކޮންމެވެސް ވަރަކަށް ފެތުރުނު ކަމުގައި ވިޔަސް ބަލީގައި މީހުންނަށް ބޮޑުވަރު ވިޔަ ނުދިނުމަށާއި ކޮވިޑްގެ އިތުރު ރާޅެއް އަޔަ ނުދިނުމަށް ކުރެވޭނެ ކަމަކީ ވެކްސިން ޖެހުން ކަމަށެވެ.

އެކި ސަބަބުތަކާ ހެދި ދުނިޔޭގެ ވެކްސިން ސަޕްލައިތައް މިވަނީ ތާށިވެފައި ކަމަށާއި ހުރިހާ ގައުމަކަށް ވެސް ވެކްސިން ބޭނުން ވެފައިވާ އިރު، ވެކްސިން ބޭނުންވާ ވަރަށް ނުލިބިފައި ތިބި ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ރާއްޖެއިން ކޮވިޑު ބައްޔަށް ފަރުވާ ހޯދަމުން ދިޔަ މީހުންގެ ތެރެއިން މިހާތަނަށް ވަނީ 220 މީހުން މަރުވެފަ އެވެ.