ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ގުޅޭކަމަށް ބަޔާންކުރާ ކަރުދާސްތައް އަތުލާފައިވަނީ އެމަނިކުފާނުގެ ސަރުކާރުން ކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ދާއިރާގެ މެންބަރު މުހައްމަދު ރާއީ ހުށަހެޅުއްވި ސުވާލަށް ޖަވާބު ދެއްވަން އިމްރާން ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންފަ އެވެ.
ރާއީ ވިދާޅުވީ، ކުރައްވަން ބޭނުންފުޅުވި ސުވާލާ ގުޅޭ ގޮތުން، މިނިސްޓަރާ ބައްދަލުވެ، ވަރަށް ތަފްސީލުކޮށް ސާފުކޮށް ދެއްވާފައިވާ ކަމަށެވެ.
ރާއީގެ ދައުވަތާ ގުޅިގެން އިމްރާން ވިދާޅުވީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކުން މަސައްކަތް ކުރަނީ އެއް އަމާޒަކަށް، އެއް ނަތީޖާއެއް ހާސިލުކުރަން ކަމަށެވެ.
އިތުރު ސުވާލުކުރަން ލިބުނު ފުރުސަތުގައި، ނައިފަރު ދާއިރާގެ އިދިކޮޅު މެންބަރު ވިދާޅުވީ، 2015 ވަނަ އަހަރު އޭރުގެ އިދިކޮޅުން ސަރުކާރާ ދެކޮޅަށް ބޭއްވި "މޭޑޭ މުޒާހަރާ" ގެ ތެރެއިން ރިލްވާންގެ މައްސަލަ ރައީސް ޔާމީން އާ ގުޅޭކަމަށް ތުހުމަތުކޮށް ކަރުދާސްތަކެއް އިމްރާން ދެއްކެވި ކަމަށެވެ.
ޝިޔާމް ވަނީ އެ ކަރުދާސްތައް މިހާރު ކޮބައިތޯ އިމްރާންގެ ކިބައިން އައްސަވައިފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ މޭޑޭ މުޒާހަރައިގެ ތެރެއިން އޭނާ ހައްޔަރުކުރިއިރު، އެ ލިޔުންތައް ފުލުހުން އަތުލާފައިވާ ކަމަށެވެ. އޭރު ފުލުހުންގެ ތެރެއިން އެ ކަރުދާސްތައް ގެންދިއަ ބައެއްގެ އަތުގައި ވާންޖެހޭނެ ކަމަށެވެ. ދެން އަނެއްކާވެސް ޖެހޭނީ ތަހުގީގެއް ފަށަން ކަމަށް އިމްރާން ވިދާޅުވިއެވެ. މިހާރު އެމްއެމްޕީއާރުސީ ހިޔާނާތްފަދަ އިތުރު އެހެން ތަހުގީގުތައް ކުރެވެމުންދާތީ، އެ ކަރުދާސްތައް ގެންދިއަ ބަޔަކު ހޯދުމުގެ ތަހުގީގާ ހަމައަށް އަދި ނުދެވޭކަމަށް އިމްރާން ވިދާޅުވި އެވެ.
މެއި 1، 2015 ގައި ބޭއްވި މުޒާހަރާ ތެރެއިން، އިމްރާން ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލައި، 12 އަހަރަށް ޖަލަށްލާން ހުކުމްކުރި އެވެ. އިމްރާންގެ ހުކުމް ބާތިލުކޮށްފައިވަނީ މި ސަރުކާރުންނެވެ.