އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އިދިކޮޅުޕީޕީއެމްއާ އަލުން ގުޅިވަޑައިގެންފިއެވެ.
އިހަވަންދޫ ދާއިރާއަށް މުހައްމާ ހޮވިވަޑައިގެންނެވީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޓިކެޓްގައެވެ. ނަމަވެސް އިންތިހާބުވިތާ މަދު ދުވަސް ކޮޅެއްގެ ތެރޭގައި މުހައްމާ ވަނީ އެ ޕާޓީ ދޫކުރައްވައި ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ.
މުހައްމާ ދެން ފެނިފައިވަނީ އެމްޑީޕީންނެވެ. ނަމަވެސް މިދިޔަ މަޖިލިސް އިންތިހާބުގެ އެމްޑީޕީގެ ޕްރިމަރީގައި މުހައްމާ އަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.
މުހައްމާ ޕީޕީއެމް އަށް އަލުން ސޮއިކުރައްވާފައިވަނީ މިރޭ ބޭއްވި ހާއްސަ ޖަލްސާއެއްގައެވެ. މުހައްމާގެ ފޯމާއި ހަވާލުވީ އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.
ސޮއިކުރުމަށްފަހު މިރޭ ޕީޕީއެމްގެ ވާހަކަ ދައްކަވަމުން މުހައްމާ ވިދާޅުވީ، އޭނާ ޕީޕީއެމްއާއި ދުރަށް ދެވުނީތީ ރައީސް ޔާމީންއާއި، ޕީޕީއެމްގެ ސަޕޯޓަރުންގެ ކިބައިން މަޢާފަށް އެދޭ ކަމަށެވެ.
"އަޅުގަނޑަށް ހެދުނު ގޯހާމެދު އަދިވެސް ދެރަވޭ. ރައީސް ޔާމީނާ ވަކިވެވުނީތީ ވަރަށް ހިތާމަކުރަން. އަޅުގަނޑަށް މި ހެދުނީ ވަރަށް ބޮޑު ވަރަށް ބޮޑު ގޯހެއް،" މުހަންމާ ވިދާޅުވިއެވެ.