ތަރުބިއްޔަތު ފެށޭ ދަރުސްގާހަކީ މައިންބަފައިންގެ އުނގު ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

ޚުތުބާގައި ބުނީ ދަރިންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދައިދިނުމަށް ގަދައަޅާ މަސައްކަތް ކުރުމަކީ މައިންބަފައިންގެ ބޮލުގައި އެޅިފައިވާ ވާޖިބެއް ކަމަށެވެ. އަދި ދަރިންގެ އުމުރުގެ ކުރީކޮޅު މަންމައާއި ބައްޕަގެ ލޯތްބާއި އަޅާލުން ނިހާޔަތަށް ކުދިންނަށް ބޭނުންވާނެ ކަމަށެވެ.

"ދަރިން ދުނިޔެއަށް އަންނަނީ ފިޠުރަތުގެ ސާފުކަންމަތީގަ. އޭގެ ފަހުން އެ ކުދިންނަށް އަމާޒުވެގެން އަންނަ ޝައިތާނީ ވަސްވާހާއި އެސްފީނާ ފަދަ ކަންތައްތަކުން އެކުދިން ސަލާމަތް ކުރުމަށް ދުއާ ދެންނެވުމަކީ ވަރަށް މުހިންމު ކަމެއް. ދަރިން ތަރުބިއްޔަރު ކުރުމުގެ ނަމުގައި، ރުޅި އަންނަ ކޮންމެ ފަހަރަކު ބޮޑެތި ޖިސްމާނީ އަނިޔާތައް ދިނުމަކީ ޖަރީމާއެއް. އެފަދަ އަނިޔާތަކުގެ ސަބަބުން ދަރިންގެ ހިތްތަކުގައި އުފެދިންގެން އަންނީ ނޭދެވޭ ތަޖުރިބާތަކެއް." ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ ދަރިން ތަރުބިއްޔަތު ކުރުމުގެ ނަމުގައި ބޭނުންހާ ކަމެއް ކޮށްދިނުމަކީވެސް ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި އެގޮތަށް ކަންތައްތައް ކޮށްދޭނަމަ މައިންބަފައިންނަށް ކުޅަދާނަ ނުވާ މިންވަރަށް ދަރިން ކަންތައްތަކަށް އެދެން ފަށާނެ ކަމަށް ބުންޏެވެ.