ޖާގައަށްވުރެ އިތުރުވެ 340 ގައިދީއަކު ޖަލުގައި އެބަތިބި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިއަދު މަޖިލީހަށް ހާޒިރުވީ ނޭކުރެންދޫ ޖަލުގެ ފުރަތަމަ ފޭސް ކުރިއަށްގެން ދިއުމަށް މިއަހަރު ހަމަޖެހިފައިވާތީ، އެ މަސައްކަތް ފެށޭނެ ތާރީހެއް ސާފުކުރަން މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ހުށަހެޅުއްވި ސުވާލަށް ޖަވާބު ދެއްވުމަށެވެ.

ރައްޔިތުން މަޖިލީހުގައި ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ޖަލުތަކުގެ ޖާގައަށްވުރެ 340 ގައިދީ އިތުރަށް ތިބި ކަމަށެވެ.

އިމްރާން ވިދާޅުވީ ޖަލުތަކުގައި މިހާރު ވެސް 1700 އެއްހާ ގައިދީން ތިބިއިރު އޭގެ ތެރެއިން ކަރެކްޝަން ސާވިސްގެ ދަށުގައި ވަނީ 1360 ޖާގަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ހިނގަމުންދާ މައްސަލަތަކުގެ 10 ޕަސެންޓް މައްސަލަ ނިމި ހުކުމް ކޮށްފި ނަމަ އިތުރަށް 400 އެއްހާ ގައިދީން ޖަލަށް ދާން ޖެހޭނެ ކަމަށެވެ. އެހާލަތުގައި ގައިދީން ބަލަަހައްޓާނެ އިތުރު ގޮތެއް ހޯދަން ޖެހޭނެ ކަމަށް އިމްރާން ވިދާލުވިއެވެ.