މޯލްޑިވްސް ޓަރޑް-ވޭ ޑިމޮކްރެޓް (އެމްޓީޑީ) ގެ އެދުމަކީ ރައީސް ސޯލިހު ގޮވާލާފައިވާ ގޮވާލުމާއި އެއްގޮތަށް ފަރުދީ އަދި އާއިލީ ޒިންމާއެއްކަން މިކަން ދެކިގެން ވެކްސިން ފުރިހަމަކުރުމަށް ހުރިހާ ޒުވާނުން އަތުކުރި އޮޅާލާ އިސްނަގައިގެން ވެކްސިންޖަހަން ދިޔުން ކަމަށް އެޕާޓީން ބުނެފި އެވެ.

އެމްޓީޑި އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިކަމަށް ވުރެ ބޮޑު ގައުމީކަމެއް މިއަދަކުނެތް ކަމަށާއި އެހެނީ ކޮވިޑުގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުން ހަލާކުވެ ގައުމައް ދަނީ އެތައް ބޮޑެތި ގެއްލުންތަކެއް ވަމުން ކަމަށެވެ. އަދި މިއަދު އެންމެ މުހިއްމީ މިކަން ގައުމީ ކަމެއްގޮތުގައި ދެކި މިވަގުތައް ސިޔާސީ ހިޔާލު ތަފާތުތައް އެއްކިބާކޮށް، މުޅި ދިވެހިރާއްޖޭގައި ދިރިއުޅޭ އާބާދީ ވެކްސިންގެ 2 ޑޯޒް ޖަހާ ނިންމުން ކަމަށެވެ.

"ކޮވިޑުން ވީހާވެސް އަވަހަކަށް އަރައިގަތުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއްކުރުމާއި އެކީ މިކަމުން ސަލާމަތް ކޮށްދެއްވުމަށް އެދި މާތް ﷲ ކިބައަށް ދުއާކޮށް ވަކީލުކުރުމެވެ." އެމްޑީޓީ ގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ކޮވިޑް-19ގެ އާލަމީ ވަބާ އަކީ ދުނިޔޭގެ ފަހުގެ ތާރީޚުގައި ދިމާވި އެންމެ ބޮޑު ސިއްހީ ކާރިސާ ކަމަށާއި ދެމިގެން މިދާ ވަބާގައި އެތައް ބަޔަކު ވަނީ ދުނިޔެދޫކޮށް ގޮސްފައިވާ ކަމަށެވެ. މިކަމާއި ގުޅިގެން އަޅަން ޖެހުނު ފުރަބަންދުގެ ސަބަބުން ދަތުރުފަތުރުކުރުމާއި އެހެން ގޮންޖެހުންތަކުގެ ސަބަބުން ބޭސްފަރުވާއަށް ހުރަސްއެޅި އެތައް ބަޔަކު ވަނީ އެހެން ބަލިތަކުގައި ވެސް ދުނިޔެދޫކޮށް ގޮސްފައި ކަމަށް ވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން ނަފްސާނީ ގޮތުން އެތައް މައްސަލަތަކެއް ދިމާވެ އިގްތިސާދީ ގޮތުން އިއާދަ ނުކުރެވޭނެ ވަރުގެ ގެއްލުންތައް އެތައް ގައުމަކަށާއި އެތައް ބަޔަކަށް ވަނީ ކުރިމަތިވެފައި ކަމަށާއި ދުނިޔޭގެ ގައުމުތަކުގައި ކޮވިޑް-19 އާއި ދެކޮޅަށް ބޭނުން ކުރަމުންދާ އެންމެ ބޮޑު ހަތިޔާރަކީ ވެކްސިނޭޝަން ކަމަށް ބުނެފައި ވެއވެެ.

ގިނަ ގައުމުތަކުގެ މިއަދުގެވެސް ހާލަތަކީ އެގައުމުގެ ރައްޔިތުންނަށް ދޭނެ ވެކްސިންވެސް ނުލިބި އެތައް ބަޔަކު ކޮވިޑް-19 ގެ ބަލީގެ ޝިކާރައަކަށްވެ ނިޔާވަމުން ދިއުން ކަމަށާއި ނަމަވެސް ދިވެހި ރާއްޖެއިން މިވަނީ މިކަމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައި ކަމަށް ވަނީ ބުނެފަ އެވެ.

އެ ބަޔާނުގައި ބުނީ ރައީސް ސޯލިހްގެ ލީޑަރޝިޕްގެ ދަށުން ރާއްޖެއަށް ބޭނުންވާވަރަށް މިވަނީ ވެކްސިން ހޯދިފައި ކަމަށާއި މިކަން މިޕާޓީ އިން އުފަލާއި ޝުކުރުވެރިކަމާއި އެކީ ފާހަގަ ކުރާ ކަމަށެވެ. އަދި ރައީސް ސޯލިހު އިންސާނިއްޔަތުކަން އިސްކުރައްވާ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން އިސްތިސްނާނުކޮށް ވެކްސިން އެމީހުނަށްވެސް ހިލޭ ޖަހައިދީ، މިހާރު ރާއްޖޭގެ %61 އާބާދީ ދެޑޯޒް ޖަހާ ވެކްސިނޭޝަން ފުރިހަމަކޮށްފި ކަމަށެވެ.

މީގެ އިތުރުން %70 މީހުން ފުރަތަމަ ޑޯޒް ޖަހައިފި ކަމަށާއި މިއީ ދުނިޔާގެ ފެންވަރުން ބެލިނަމަވެސް ވަރަށް ބޮޑުކުރިއެރުމެއްކަން ވަނީ ފާހަގަކޮށްފަ އެވެ.

ނަމަވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ އަދިވެސް ތަފާސް ހިސާބުތައް ދައްކާ ގޮތުން ކޮވިޑް-19 ވެކްސިން ނުޖަހާފަރާތްތަކުގެ ތެރޭގައި 18 އަހަރާއި 26 އަހަރުގެ ދެމެދު ޒުވާނުން ގިނަކަން ކަމުގައި އެމްޑީޓީ އިން ވަނީ ފާހަގަކޮށްފަ އެވެ.

މި އާލަމީ ވަބާގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި އެޗް.ޕީއޭ، މޯލްޑިވްސް ރެޑް ކްރެސެންޓް، ޑަބްލިއު.އެޗް.އޯ މޯލްޑިވްސް އަދި ފްރަންޓް ލައިންގައި މަސައްކަތް ކުރާ ހުރިހާ ޚިދުމަތްތެރިން ކުރައްވަމުންދާ ބުރަ މަސައްކަތް އެޕާރޓީން ހިތުގެ އަޑީން ގަބޫލްކޮށް ޝުކުރުވެރިކަމާއި އެކީ ސެލިއުޓްކުރާ ކަމަށް ވެސް ބުނެފައި ވެއެވެ.