ރައީސް ޔާމީން ރިޔާސީ ކޮމިޝަނަށް ހާޒިރު ކުރަން ނިންމާފައިވާ ކަމަށް މަޢުލޫމާތު ލިބިއްޖެ އެވެ.

ހަލި ނިއުސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން ރިޔާސީ ކޮމިޝަނަށް ހާޒިރު ކުރައްވަނީ މި މަހުގެ 3 ވަނަ ދުވަހު އެވެ.

އެމަނިކުފާނު ރިޔާސީ ކޮމިޝަނަށް ހާޒިރު ކުރައްވަނީ ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟުވާން ޢަބްދުﷲ ގެ މައްސަލައިގަ އެވެ.

ނޫސްވެރިޔާ އަޙްމަދު ރިޟްވާން ގެއްލުނު ރޭ އޭނާ ދިރިއުޅުނު ގެ ކައިރިން ފެނުނު ކަމަށް ބުނާ ވަޅީގެ ފޮޓޯ ޢާންމުކޮށް، އެ ވަޅިއާ ބެހޭ މަޢުލޫމާތެއް އެނގޭނަމަ ކޮމިޝަނާއި ހިއްސާ ކުރުމަށްވެސް ވަނީ އެދިފައެވެ. އަދި ވަޅިއާ ގުޅޭ ގޮތުން ނުވަތަ ކޮމިޝަނުން ތަޙުޤީޤު ކުރަމުންދާ އަޙުމަދު ރިޝްވާން ޢަބްދުﷲ ގެ މައްސަލައާ ގުޅޭ ގޮތުން ސާބިތު ހިފޭވަރުގެ ސައްޙަ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް ފަސްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެކަމަށްވެސް އެކޮމިޝަންގެ ބަޔާނުގައިވެއެވެ. އަދި، އެ މައްސަލައާ ގުޅޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަގީންކަންވެސް އަރުވާކަމަށް މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުން ވިދާޅުވެއެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުވާލިތާ 6 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެ މަރުގެ މައްސަލައަށް އިންސާފް ހޯދައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެކެވެ. ރިޟްވާން ގެއްލުވާލި މައްސަލަ ބޭރުގެ އިންވެސްޓިގޭޓަރެއްގެ އެހީއާއިއެކު ތަޙްޤީގުކުރަމުންދާކަން މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަންނުން ވަނީ ހާމަކުރައްވަފައިވެއެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުވާލާފައިވާ މައްސަލައަށް އިންސާފު ނުލިބި ލަސްވަމުންދާ ކޮންމެ ދުވަހަކީ ޢާއިލާއަށް ލިބޭ އިތުރު ހިތްދަތިކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. ހުރަސްތަކާއި ދަތިތަކާއެކުވެސް ރިޟްވާނުގެ މައްސަލައަށް އިންސާފު ހޯދުމަށް ކުރެވެންހުރި ހުރިހާކަމެއް ހުއްޓާނުލައި ސަރުކާރުން ކުރިއަށްގެންދާނެކަމުގައި ރައީސްވަނީ ވިދާޅުވެފައެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާފައިވާ ކޮމިޝަނުން ވަނީ މިމައްސަލައިގެ ރިޕޯޓް ނިންމައި ދައުވާކުރުމަށް ޕީޖީ އޮފީހަށްވެސް ފޮނުވާފައެވެ. ނަމަވެސް ތަޙްޤީޤަށް ބޭނުންވާ ބައެއް ކަންކަން ފުރިހަމަ ނުވުމުން ޕީޖީ އޮފީހުންވަނީ އެކަންކަން ފުރިހަމަ ކުރުމަށްފަހު ދައުވާކުރުމަށް މައްސަލަ އަބުރާ ކޮމިޝަނަށް ފޮނުވާފައެވެ.