މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި ޤާއިމްކޮށްފައިވާ އިނގިރޭސިވިލާތުގެ ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރުން ވިސާ އެޕްލިކޭޝަންތައް މިއަދު ބަލައިގަންނަން ފަށައިފިއެވެ.

އޮގަސްޓް 2 އިން 4 އަށް ފޮރިން މިނިސްޓްރީގައި ޤާއިމްކުރެވިފައިވާ ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރުން، ކުރިން އެޕޮއިންޓްމަންޓް ހައްދާފައިވާ ފަރާތްތަކުގެ ޑޮކިއުމަންޓްތައް ބަލައިގަތުމާއި، ބަޔޯމެޓްރިކްސް އެންރޯލްމަންޓް ކުރިއަށްދާނެއެވެ.

ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރެއް އިނގިރޭސިވިލާތުން ހުޅުވާފައިމިވަނީ، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހިންނަށް، ވަކިން ޚާއްސަކޮށް މަތީ ތައުލީމަށް އެގައުމަށް ދަތުރުކުރާ ދަރިވަރުންނަށް ވިސާގެ ކަންތައްތައް ލުއިފަސޭހަ ގޮތެއްގައި ހަމަޖައްސައިދިނުމުގެ ގޮތުންނެވެ.

މި މަސައްކަތަކީ ދިވެހި ރައްޔިތުންނަށް ފޮރިން މިނިސްޓްރީ އިން ފޯރުކޮށްދޭ ކޮންސިއުލަރ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ތަރައްޤީކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ބައެކެވެ