ކޮވިޑުގެ ޙާލަތުން ދިވެހިރާއްޖެ އަރައިގަނެ، ރާއްޖޭގެ އިޤްތިޞޯދު އަލުން ނެގެހެއްޓުމަށް ޒުވާނުންނަށް ޚާއްސަކޮށްގެން ހިންގާ "ސްކިލްސް ފޮރ އަ ރެޒީލިއެންޓް ވޯރކްފޯސް"ގައި ހިމަނައިގެން ހިންގުމަށް ހަމަޖެހިފައިވާ ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާގެ 03 ޕްރޮގްރާމެއް ހިންގުމަށް އަމިއްލަ 03 ފަރާތަކަށް ހަވާލުކޮށްފި އެވެ.

އެގޮތުން އްކަމުގައިވާ ސައިރެކްސް ކޮލެޖާއި، ވިލާ ކޮލްޖާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލްޖީއާއިއެކު ފަހުމުނާމައިގައި ސޮއި ކުރުމުގެ ރަސްމިއްޔާތު މިއަދު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގައި ވަނީ ބާއްވާފަ އެވެ.

ސޮއިކުރެވުނު ފަހުމުނާމާތައް އެތަންތަނާ ޙަވާލުކޮށް ދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ޙަސަން އެވެ.

މިގޮތުން، މި 3 ފަރާތުން ހިންގާނެ 3 ކޯހަކީ:

1) National Certificate III in Programming

2) National Certificate III in IT Technician

3) National Certificate III in Sewerage System Operation and Maintenance

މި 03 ޕްރޮގްރާމްގައި ޖުމުލަ 145 ދަރިވަރުން ތަމްރީނުވެގެން ވަޒީފާގެ ބާޒާރަށް ނުކުތުމަށް ތައްޔާރުކުރެވިގެން ދާނެއެވެ. މީގެ ކުރިން އެކިއެކި ފަރާތްތަކާ ހިންގަން ޙަވާލުކުރެވިފައިވާ ޕްރޮގްރާމް މިހާރުވެސް ކުރިޔަށް އެބަދެއެވެ. އެ ޕްރްގްރާމްތަކުން 460 ޒުވާނުން ތަމްރީންވާނެއެވެ. އަމާޒުކުރެވިފައި ވަނީ އެކިއެކި ޕްރޮގަރާމްތަކުން ފަންނީ ހުނަރުވެރި މަސައްކަތްތެރި ކަމުގެ އެކިދާއިރާތަކުން 1200 ޒުވާނުން ތަމްރީނު ކުރުމަށެވެ. އެއީ ޓުއަރިޒަމް ދާއިރާއިން 600 އާއި އައިސީޓީ ދާއިރާއިން 200 ޒުވާނުން އަދި ޓުއަރިޒަމް ދާއިރާއާއި ގުޅުންހުރި އިމާރާތް ކުރުމުގެ ދާއިރާއިން 400 ޒުވާނުނެވެ. ތަމްރީނު ލިބިގަންނަ ޒުވާނުންގެ 33 އިންސައްތައަކީ އަންހެނުންކަމުގައި ހެދުމަކީވެސް އަމާޒެކެވެ.

"ސްކިލްސް ފޮރ އަ ރެޒީލިއެންޓް ވޯރކްފޯސް" އަކީ ދިވެހި ސަރުކާރުގެ އިސްނެންގެވުމުގެ މަތީން، ކޮވިޑުގެ ޙާލަތުން ދިވެހިރާއްޖެ އަރައިގަނެ، ރާއްޖޭގެ އިޤްތިޞޯދީ ޙަރަކާތްތައް އަލުން ފެށިގެންދާއިރު އެކި ޞިނާޢަތްތަކަށް ބޭނުންވާ ދިވެހީން ތަމްރީނުކުރުމަށް ފަށާފައިވާ ޚާއްސަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ތެރެއިން އެކިއެކި ވަޒީފާއަށް ބޭނުންވާ ހުނަރު ތަކާއި އެކު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއް ފެށުމަށް ބޭނުންވާ މުހިންމު ބައިތައް އުނގެނި، ހުނަރުވެރި، ޤާބިލް، އުފެންދުންތެރި، އަދި ޒިންމާދާރު ދިވެހި ރައްޔިތަކަށް ވުމުގެ ފުރުޞަތު ދިވެހި ޒުވާނުންނަށް ލިބެމުންދާނެއެވެ.

މިޕްރޮގްރާމްގެ ސަބަބުން ދިވެހި ރާއްޖޭގެ ސިނާޢަތްތަކަށް ބޭނުންވާ ހުނަރުވެރި ދިވެހިން ވަޒީފާގެ ބާޒާރަށް ނެރުމާއި، އިޤްތިސޯދީ ހަރަކާތްތަކުގައި ބައިވެރިވުމަށް މަގުފަހިވެގެންދާނެއެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ފަރުދީ ކުރިއެރުމާއިއެކު، ޤައުމުގެ އިޤްތިސޯދަށް އިތުރު ކުރިއެރުމާއި އާރޯކަން ގެނެވި ދިވެހި ޢާއިލާތަކަށް އިތުރު ކުރިއެރުންތައް ލިބޭނެއެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދުތަކަކީ ވަޒީފާ ބާޒާރަށް މިވަގުތު އެންމެ ބޭނުންވާ ވަޒީފާގެ ދާއިރާތައް ދެނެގަނެ އެވަޒީފާތަކަށް ބޭނުންވާ މީހުން ތަމްރީނުކުރުމާއި، ރާއްޖޭގައި ޒުވާނުން ވަޒީފާ އަދާ ނުކުރާ މިންވަރު ދަށްކުރުމާއި، ޚާއްސަކޮށް މަދުރަސީ ތަޢުލީމު ނިންމާ ޒުވާނުންނަށް ރާއްޖެއަށް މިވަގުތު ކޮންމެހެން ބޭނުންވާ ވަޒީފާތަކަށް ތަމްރީނުކުރުމާއި، ފަންނީ މަސައްކަތްތެރި ވަޒީފާތަކާމެދު ޢާއްމުން ދެކޭގޮތް ބަދަލުކޮށް، ފަންނީ މަސައްކަތްތެރި ކަމަށް ލޯބިކުރާ، އަދި ފަޚުރުވެރި މުޖުތަމަޢުއެއް ބިނާކުރުމެވެ. އަދި ދިވެހިން ބައިވެރިވާ ވާދަވެރި ވަޒީފާ ބާޒާރެއް އުފައްދައި ރާއްޖޭން ބޭރުގެ މަސައްކަތްތެރިންނަށް ބަރޯސާވާ މިންވަރު ދަށްކުރުމެވެ.