ހއ. އިހަވަންދޫ ބަނދަރުގެ ޕޭވްމަންޓްގެ ކާސްޓިންގް މަސައްކަތްތައް ފަށައިފި އެވެ.

އެމްޓީސީސީ އިން ބުނީ އެ މަސައްކަތް ފަށާފައިވަނީ މި އޯގަސްޓު މަހުގެ 2 ވަނަ ދުވަހު ކަމަށެވެ. އަދި އެރަށު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 57 ޕަސެންޓް މިހާރުނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 30,509 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމަށް ނިންމާފައި ވެއެވެ. އަދި 178 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން މަގުބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، 4,582 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ވެސް ހިމެނޭ އިރު، މި މަޝްރޫޢަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މިއީ 51.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.