ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ކޮވިޑް-19 ވެކްސިން ދީ ފުރިހަމަ ކުރުމުގެ ކެމްޕޭން މާލެ އާއި އަތޮޅުތަކުގައި ފަށާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ ރާއްޖޭގައި ދިރުއުޅޭ އެންމެންނަށް ވެކްސިން ފުރިހަމަކުރެވޭވަރަށް ވެކްސިން ލިބިފައިވާ ކަމަށެވެ.

"މި ފުރުސަތުގެ ބޭނުން އެންމެފުރިހަމައަށް ހިފައި، ވެކްސިން ޖެހުމަކީ ކޮވިޑް-19 އިން ރައްކާތެރިކަން ލިބިގަތުމަށާއި ބަލީގެ ނުރައްކާތެރިކަން ކުޑަކުރުމަށް ވަރަށް މުހިންމު ކަމެއް." އެޗްޕީއޭ އިން ބުނެފައި ވެއެވެ.

އެޗްޕީއޭ އިން ބުނީ ސަރުކާރުގެ އޮފީސްތަކާއި ދައުލަތުގެ މުއައްސަސާތަކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަކީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ކަމުގައި ހަދައިދިނުމަށް އެދޭ ކަމަށެވެ.

ވެކްސިން ޖެހުމުގައި ދަތިވާ ނަމަ ނުވަތަ އިތުރު މަޢުލޫމާތާއި އެހީތެރިކަން ބޭނުންވާނަމަ، އެފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.