ސުންނީ ތާލިބާންގެ ޓެރަރިސްޓުން އަފްޣާނިސްތާންގައި ބާރުގަދަ ކޮށް ހަޒާރާއިންނާއި ޝީއީންނަށް ނުރައްކާ ކުރަމުންދާއިރު އިންޑިއާއާއި އީރާނުން އަފްޣާނިސްތާންގެ މައްސަލާގައި ޚިޔާލު އެއްގޮތް ކުރުމަށް ނިންމައިފިއެވެ. އިންޑިއާއިން ރިޕޯޓް ކުރާ ގޮތުގައި އީރާންގެ ރައީސް އައްސަޔިދު އިބްރާހީމް ރައީސީ މަގާމުގެ ހުވައިކުރައްވާ މުނާސަބާގައި އިންޑިއާ ތަމްސީލު ކުރައްވާނީ އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖަޔަޝަންކަރެވެ.
މިމަހުގެ ފަސް ވަނަދުވަހު އޭނާ ތެހެރާންގައި ހުންނަވާއިރު އީރާނާއި އިންޑިއާއާ ދެމެދުގެ މަޝްވަރާތައްވެސް ބާއްވާނެ އެވެ. އޭގެ ތެރޭގައި އިންޑިއާއިން މަސައްކަތް ކުރާ ޗާބާރު ބަނދަރުގެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ މަޝްވާތަކުގެ އިތުރުން އަފްޣާނިސްތާންގެ ތާލިބާންގެ ނުރައްކަލާ ކުރިމަތިލާނެ ގޮތްތަކާ މެދު މަޝްވަރާ ކުރައްވާނެއެވެ.
އިންޑިއާއިން ވަނީ އަފްޣާނިސްތާންގައި އުމުރާނީ ތަރައްގީގެ މަޝްރޫއުތަކުގައި ފަސް ބިލިއަން ޑޮލަރު އިންވެސްޓް ކޮށްފައެވެ. އީރާނަކީ އިންޑިއާގެ މުހިންމު ވިޔަފާރި ބައިވެރިއެކެވެ. އަދި އެއްގަމު މަގުން އަފްޣާނިސްތާނަށް ވަނުމަށްޓަކައި އިންޑިއާއިން ދަނީ އީރާނާއި އަފްޣާނިސްތާނު ރޭލުގެ މަގުން ގުޅުވާލުމަށްވެސް މަޝްރޫއެއް ހިންގަމުންނެވެ.