ޗައިނާ ކޮމިއުނިސްޓް ޕާޓީން ސަތޭކަ އަހަރު ފާހަގަ ކުރިއިރު، ދެ ކަމެއް ފާހަގަ ކުރެވެއެވެ. ފުރަތަމަ ކަމަކީ، ރައީސް ޝީ ޖިން ޕިންގގެ އަތްޕުޅުގައި ޗައިނާ ކޮމިއުނިސްޓް ޕާޓީގެ ވެރިކަމާއެކު ސިޔާސީ ބާރާއި، ޗައިނާ ސިފައިންގެ އަސްކަރީ ބާރުވެރިކަން ޖަމާވެފައި އޮތް ކަމެވެ. މަރުކަޒީ ގޮތަކަށް ވެރިކަމުގެ ހުރިހައި ބާރެއް ރައީސް ޝީގެ އަތްޕުޅުގައި އޮތުމުގެ ސަބަބުން ފާހަގަ ކުރެވޭ ކަމަކީ، ޗައިނާގެ ސިޔާސީ ނިޒާމަށް އަހަރުތަކެއް ވިނަމަވެސް ޗައިނާގެ ވެރިންގެ މެދުގައި ނުތަނަވަސްކަން އޮތް މިންވަރެވެ. ޗައިނާގެ ވެރިންނަށް އަމިއްލަ ނިޒާމާމެދު އޮތް އިތުބާރުގެ ކުޑަ ކަމެކެވެ.

ކޮމިއުނިސްޓް ޕާޓީގެ ތެރޭގައި ރައީސް ޝީއާ ދެކޮޅަށް ބަސް ބުނެފާނެ ކޮންމެ މީހަކު ވަނީ މަގާމުން އެކަހެރިކޮށްލެވިފައެވެ. ސިފައިންގެ ތެރޭގައިވެސް ބަސްކިޔޭ އިސްމަގާމުތަކުގައި ތިބީ ބަސް އަހާ، ރައީސް ޝީއަށް ވަފާތެރިންނެވެ.

ޝާއި ޝިއާއަކީ ޗައިނާ ސަރުކާރަށް ފާޑުކިޔާ ފަރާތެކެވެ. އޭނާއަކީ، ކުރިން ކޮމިއުނިސްޓް ލީޑަރުން އުފެއްދުމަށް ވެރިންނަށް ކިޔަވައި ދިނުމުގެ މަސްއޫލިއްޔަތާ ޙަވާލުވެ ހުރި ފަރާތެވެ. މިހާރު މަގާމުން އެކަހެރި ކުރެވިފައިވާ ޝާއި އަކީ، ބެއިޖިންގގެ ސެންޓްރަލް ޕާޓީ ސްކޫލުގައި 15 އަހަރުވަންދެން ކިޔަވައި ދިން މީހެކެވެ. އޭނާގެ ރައުޔަކީ، "ކޮމިއުނިސްޓް ވެރިކަން އޮތީ ކުރިން ދުވަހަކުވެސް ހީނަރުވެފައި ނުވާ މިންވަރަށް ހީނަރުވެފައެވެ."

ރައީސް ޝީ، އަމިއްލަފުޅަށް ވެރިކަމުގެ ބާރުތައް ނަންގަވަމުން ގެންދިއުމުން އެކަމާ ދެކޮޅަށް ފާޑު ކިޔުމުން ޝައި ވަނީ ކޮމިއުނިސްޓް ޕާޓީން ބޭރުކޮށްލާފައެވެ. އޭނާ ކޮމިއުނިސްޓް ޕާޓީ ސިފަކުރަނީ ބިއްޖެހިފައި ހުރެގެން ލާހޫރޭ މީހެއްގެ ގޮތުގައެވެ. އޭނާ ބުނަނީ، ކޮންމެވެސް މީހަކު ރަނގަޅަށް ޕާޓީ ހަލުވާލައި، މީހުން ހޭލައްވަން ވެއްޖެކަމަށެވެ. އޮންލައިންކޮށް އޭނާ ދިން ތަގްރީރެއްގައި ބުންޏެވެ.

އުމުރުން 67 އަހަރުގެ ޝާއި ބުނާ ގޮތުން ޝީގެ ސަބަބުން ޗައިނާ ދަނީ އެކަހެރިކަމަކާ ދިމާއަށެވެ. އަދި ހެޔޮ ވެރިކަމެއް ކުރުމަށް ލިބުނު ފުރުސަތު، ރައީސް ޝީ ވަނީ ބޮލާލައި ޖައްސަވާފައެވެ.

މިއީ ބޭރުގެ ފަރާތްތަކުންވެސް ޗައިނާގެ ނިޒާމާމެދު ބުނަމުންދާ ވާހަކަތަކެވެ. އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ރައީސް ފްރާންސިސް އެންޑަރސަން ވިދާޅުވަނީ، ޗައިނާ ވަނީ ސިޔާސީ ގޮތުން ކުރިއަރައިގެން ދިއުމުގެ ބަދަލުގައި ފަހަތަށް އެތައް ފިވަޅެއް އަޅާފައެވެ. މަދަނީ މުޖުތަމައުގައި ސަރުކާރަށް ބަސް ބުނާ މީހުންގެ އަނގަ ބަންދުކޮށްލަނީ އެވެ. މަޢުލޫމާތާއި ޚިޔާލުތައް މިނިވަންކަމާއެކު ދައުރުވިޔަ ނުދިނުމަށް ހުރަސްތައް ގާއިމް ކުރެވެމުން ދަނީއެވެ.

ރައީސް ޝީގެ ނުތަނަވަސްކަން އަވަށްޓެރިންނާއެކު ބާއްވާ ގުޅުމުންވެސް ދޭހަވެގެން ދެއެވެ. ސަރަހައްދީ އެތައް މައިދާނެއްގައި ޗައިނާއިން ދަނީ ހަތުރުވެރިކަމާއެކު ހަރަކާތްތެރި ވަމުންނެވެ. ފިލިޕީންސްގެ ކަނޑުގެ ސަރަހައްދުގެ މއްސަލާގައި ދުނިޔޭގެ ކޯޓުން ކޮށްފައިވާ ޙުކުމަށް ބެއިޖިންގއިން ވަނީ ގޮންޖަހާފައެވެ. ޗައިނާގެ ކަނޑުގެ މަސްވެރި މިލީޝިއާއިން ފޮނުވައިގެން ފިލިޕީންސްގެ ސަރަހައްދު ވަނީ ދާއިމީ ހިސާރުކުރުމެއްގައި ބާއްވާފައެވެ.

އިންޑިއާގެ ލަދާކްގައި ޗައިނާއިން ފެށި ހަހަމަނުޖެހުން އަދިވެސް ކޮންޓްރޯލެއް ނުކުރެވެއެވެ. ސުލްހައަށް އަވަސް ދިރުމެއް އަންނާނެ ކަމަކަށް ނުބެލެވެއެވެ. ވިއެޓްނާމާ ދެކޮޅަށް ހަރަކާތްތެރި ވަމުން ދެއެވެ. އަދި ޓައިވާނާ ދެކޮޅަށް ކޮންމެ ދުވަހަކުހެން އުދުވާނީ އަމަލުތައް ދައްކަމުން ޗައިނާ ސިފައިން ގެންދެއެވެ.

ޗައިނާއިން ފާޅުވެގެން އައި، ކޮރޯނާ ވައިރަސްއާ ދެކޮޅަށް ދުނިޔެއިން ހަނގުރާމަ ކުރަމުންދާއިރު މި މައްސަލަ ތަހުގީގު ކުރުމުގައި ޗައިނާއިން އެއްވެސް ވަރަކަށް އެހީތެރިކަމެއް ފޯރުވައިދޭން އުޒުރުވެރި ވެއެވެ.

ޗައިނާގެ ނުރައްކާ އެންމެ ބޮޑަށް ކުރާނެ ސަރަހައްދެއްކަމަށް މުޙައްލިލުން ވިދާޅުވަނީ، ޓިބެޓާ ވީފަރާތުން އިންޑިއާގެ އަރޫނާޗަލް ޕްރަދޭޝަށެވެ. ލަދާކްގައި ޗައިނާ ސިފައިން ޙަރަކާތްތެރިވި ނަމަވެސް ހަމަލައެއް އައުމުގެ ނުރައްކާ އޮތީ މި ސަރަހައްދަށެވެ.

މުހައްލިލުން ޓިބެޓާއި އަރޫނާޗަލް ޕްރަދޭޝް އާމެދު މިފަދައިން ވިސްނާ ސަބަބުތަކެއްވެސް އެބަހުއްޓެވެ. ޗައިނާއިން ވަނީ ޖެނުއަރީން ފެށިގެން ޓިބެޓްގައި 100 އަށްވުރެން ގިނަ އަސްކަރީ ތަމްރީންތައް ބާއްވާފައެވެ. އެންމެ ފަހުން ތަމްރީން ބާއްވާފައި ވަނީ ޖޫން މަހުއެވެ. މީގައި އެއްގަމާއި ވައިގެ ސިފައިން ބައިވެރިވެފައި ވެއެވެ. ޓިބެޓްގައި ޗައިނާއިން އަސްކަރީ ލޮޖިސްޓިކް މަރުކަޒުތައް އުފައްދާކަމީ ސިއްރެއް ނޫނެވެ.

ޖޫން 25ގައި ސިޗުއާން ޓިބެޓްގެ ރޭލް ލައިންގެ މަސައްކަތް ފަށާފައިވާތީ، ޗޮންޗިންގއާއި ސިޗުއާންއިން ސިފައިން އަވަސް ގޮތަކަށް ޓިބެޓަށް ފޮނުވާލުމަކީ އުނދަގޫކަމެއް ނޫނެވެ.

ޗައިނާއިން ވަނީ އިންޑިއާގެ އަރޫނާޗަލް ޕްރަދޭޝްކައިރީގައި ސަރަހައްދު ދިފާއުކުރުމަށް 600 ދިފާއީ އަވަށްތައް ތައްޔާރުކޮށްފައެވެ.