ހިޔާ ފްލެޓްތައް ހަވާލުކުރުން މެދުކަނޑާލާފައިވާ ކަމަށް އެޗްޑީސީ އިން ބުނެފި އެވެ.

އެޗްޑީސީ އިން ބުނީ ފްލެޓު ހަވާލުކުރުން މެދުކަނޑާލީ އެ ކުންފުނީގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން ކަމަށެވެ.

"މިއަދު 10:00 އިން ފެށިގެން ތާވަލު ކުރެވިފައިވާ ފަރާތްތަކުގެ އެއްބަސްވުމުގައި ސޮއި ކުރުން ވެސް ކުރިއަށް ނުގެންދެވޭނަން." އެޗްޑީސީން ބުނެ އެވެ.

އެ ކުންފުނިން ބުނީ އެޗްޕީއޭ އާ މަޝްވަރާ ކުރުމަށްފަހު، އެ މަސައްކަތް އަލުން ފަށާނެ ތާރީޚެއް އިއުލާނު ކުރާނެ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންނާ އެކު އެޗްޑީސީން އެއްބަސް ވުމުުގައި ސޮއިކުރަން ފަށާފައިވަނީ ހުސްވި ޖުލައި މަހުގެ 17 ވަނަ ދުވަހު އެވެ. އަދި އީދު ބަންދަށް މެދުކަނޑާލުމަށްފަހު، އަލުން ސޮއިކުރަން ފަށާފައިވަނީ، ޖުލައި 15 އިން ފެށިގެން ނެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފޭސްގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކުން 6,720 ފަރާތަކަށް ފްލެޓްދޭން ވަނީ ނިންމާފަ އެވެ.